އުތީމު ކައުންސިލްގެ ރައީސް ސަސްޕެންޑުކޮށްފި

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު

ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ސަސްޕެންޑުކޮށްފިއެވެ.

ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާ ސަސްޕެންޑުކުރީ މުއްދަތެއް ނެތް ގޮތަށެވެ.

ޕީޕީއެމަށް ނިސްބަތްވާ އަބްދުﷲ ރަޝީދަށް އެލްޖީއޭއިން މިއަދު ފޮނުވި ސިޓީގައި ބުނީ އޭނާއާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ގިނަ މައްސަލަތަކެއް ބަލަން މި މަހު އަށްވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި ނިންމައި، މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ

- ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީއިރު 10 އަހަރަށް އެގްރިމަންޓު ކުރުން.
- މިއަހަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރު މަހުގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން.
- ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑީކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވުން.
- ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގި އިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން.
- މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާންކުރުމަށްފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން.
- ކައުންސިލަށް ހޯދާ ތަކެތި ގަތުމުގައި ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކިފަހަރު މަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން.
- ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން.
- ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަ ނުކުރުން.
- ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުން
ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކުރުން.
މި މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވާން އަބްދުﷲ ރަޝީދަށް މި މަހު 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް އެލްޖީއޭއިން ވަނީ ވަގުތު ދީފަ އެވެ.

ބަލަމުންދާ މައްސަލަތަކަކާ ގުޅިގެން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކުރިއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އުތީމު ކައުންސިލްގެ ރައީސްކަމަށް އޭނާ ވަނީ ކުރިމަތިލާފަ އެވެ.

comment ކޮމެންޓް