ލަންކާ ކަސްޓަމްސްގައި ތާށިވި ދިވެހި ކަނޑުމަސް ޝިޕްމަންޓް އެގައުމަށް އެތެރެކޮށްފި

-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަންކާއަށް އެތެރެނުކުރެވި، ކަސްޓަމްސްގައި ތާށިވެފައިހުރި ދިވެހިކަނޑު މަހުގެ ޝިޕްމަންޓް އެގައުމަށް އެތެރެކޮށްފި އެވެ.

ދިވެހި ކަނޑުމަހުގެ ޝިޕްމަންޓެއް ލަންކާ ކަސްޓަމްސްއިން ހިފެހެއްޓީ ލަންކާ ސަރުކާރުން އެގައުމަށް މަސް އެެތެރެކުރުމުގެ ސިޔާސަތަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ ކަސްޓަމްސްގައި ތާށިވެފައިހުރި މަހުގެ ޝިޕްމަންޓްތައް އެގައުމަށް އެތެރެކުރެވުނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސްރީލަންކާގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު އެގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.

ލަންކާގެ އާ ސަރުކާރު މިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ތަންފީޒުކުރަން ފެށި އާ ސިޔާސަތުގެ ދަށުން ސްރީލަންކާގައި ހެއްދޭ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިންނަށް ބޭނޭ މަހުގެ ބާވަތްތައް، އެހެން ގައުމަކުން އެގައުމަށް އިމްޕޯޓުކުރުން ވަނީ މަނާކޮށްފައެވެ. އެކަން ތަންފީޒުކުރަން ފެށީ މި އަހަރުގެ ތެެރޭގައެވެ.

ނަމަވެސް އެ ނިންމުމުގައި ރާއްޖެ އިސްތިސްނާ ވާނެކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަން މީގެ ކުރިންވެސް ފޮރިން މިނިސްޓްރީން ވަނި ބުނެފައެވެ.

ކުރިންވެސް ދީފައިވާ ޔަގީންކަމާ އެއްގޮތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ލަންކާއަށް އެތެރެކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ލަންކާ ސަރުކާރާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.

comment ކޮމެންޓް