މިފްކޯއިން ވަޅޯމަސް ދަޅާއި ބޮނބިކުނޑި ބާޒާރަށް ނެރެން ތައްޔާރުވަނީ

މިފްކޯ މަސްފިހާރަ

މިފްކޯއިން އިތުރު ދެ އުފެއްދުމެއް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އަލަށް ބާޒާރަށް ނެރެން ތައްޔާރުވަމުން އަންނަނީ ޕްރޮސެސްކޮށްފައި ނެރޭ ވަޅޯމަސް ދަޅާއި، ބޮނބިކުނޑިކަމަށެވެ.

ފައުޒީ ވިދާޅުވީ އަންނަ ހަފްތާގައި ބޮނބިކުނޑި މާކެޓަށް ނެރެވޭނެ ކަމަށެވެ.

ބޮނބިކުނޑި އަކީ ލޮކްޑައުންގެ ތެރޭގައި ދަނޑުވެރިކަމަށް ގިނަ ބަޔަކު ނިކުމެފައިވާތީ ނެރޭ އުފެއްދުމެއް ކަމަށާއި އެއީ އެއްވެސް ކެމިކަލެއް ނުހިމެނޭ އޯގެނިކް އުފެއްދުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަނީ ވަރަށް ރަނގަޅު މާކެޓަކަށް ވާނެއޭ. ފެލިވަރުގައި މިހާރު އެއަށް ބޭނުންވާ މެޝިނަރީތައް ގެނެސްފައި ކުރިއަށްއޮތް ގާތްގަނޑަކަށް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މާކެޓަށް ނެރެވޭނެކަމަށް އުންމީދުކުރަނީ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ވަޅޯމަސް ދަޅު ބާޒާރަށް ނެރުމަށް އަދި ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"ވަޅޯމަހުގެ ދަޅު އަޅުގަނޑުމެން ޕްރޮސެސްކޮށްފައި ނެރެން މިހާރު ޓެސްޓިން މަރުހަލާގައި ހުރީ،" ފައުޒީ ވިދާޅުވިއެވެ.

ފަސްމީރު ބްރޭންޑުގެ ދަޅުމަސް އުފެއްދުންތަކަށް މިދިޔަ ޖުލައި މަހު އިތުރުކުރި ޗިލީ (ގިތެޔޮމިރުސް) މަސްދަޅަށް އާންމުންގެ ތަރުހީބު ބޮޑުކަން ފައުޒީ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް