އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ހަމަލާތަކެއްގައި 15 މީހުން މަރުވެ 30 މީހުން ޒަހަމްވެއްޖެ

ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަނީ

ސްރީނަގަރު (ނޮވެމްބަރު 14): ކަޝްމީރުގައިވާ އިންޑިއާއާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގު (ލައިން އޮފް ކޮންޓްރޯލް) ހުރަސްކޮށް އެދެގައުމުގެ ސިފައިން ބަދަލުކުރި ހަމަލާތަކެއްގައި 15 މީހުން މަރުވެ 30 މީހުން ޒަހަމްވެއްޖެއެވެ.

މި ކުރިމަތިލުމާބެހޭގޮތުން އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނީ ހަމަލާތަށް ފުރަތަމަ ދިނީ ޕާކިސްތާނުން ކަމުގައެވެ. ޕާކިސްތާނުން ހަމަލާ ދިނީ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އިންޑިއާއަށް ވަދެގަންނަން އުޅުނު ކަޝްމީރުގެ ހަނގުރާމަވެރިންތަކެއް ހުއްޓުވުމުން ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ޕާކިސްތާނުން ބުނީ އެގައުމުގެ ސިފައިން ދިނީ ރައްދު ހަމަލާއެއް ކަމުގައެވެ. ޕާކިސްތާނުން ދިނީ ކަޝްމީރުގެ އިންޑިއާގެ ފަޅިން ދިން ހަމަލާތަކަކަށް ރައްދު ކަމަށާ އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ޕާކިސްތާން ސިފައިންގެ މީހަކާއި އާންމުންގެ ހަތަރު މީހުން މަރުވެ އިތުރުބަޔަކު ޒަހަމްވިކަމުގައެވެ. އިންޑިއާ ބުނާގޮތުން ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިއާ ސިފައިންގެ ތިން މީހުންނާއި އާންމުންގެ ހަ މީހުން މަރުވިއެވެ. އަދި އިތުރު ބަޔަކު ޒަހަމްވިއެވެ. މި ކުރިމަތިލުންތައް ހިނގާފައިވަނީ މިދިޔަ ބުރަސްފާތި ދުވަހުގެ ރެއާއި ހުކުރު ދުވަހުއެވެ. މި ހަމަލާތަކުގައި މޯޓަރު ބަޑިޔާ އެނޫންވެސް ހަތިޔާރު ބޭނުންކުރިކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.

ލައިން އޮފް ހުރަސްކޮށް އިންޑިއާއާއި ޕާކިސްތާނު ސިފައިން ވަރަށް ގިނައިން ހަމަލާތައް ބަދަލުކުރަމުން ގެންދާއިރު މި ހަމަލާތަކުގައި ދެގައުމުންވެސް މީހުން މަރުވެއެވެ. ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް މަދަދު ދެނީ ޕާކިސްތާނުންކަމަށް އިންޑިއާ ތުހުމަތު ކުރާއިރު ކަޝްމީރުގެ މިނިވަންކަމަށް ކުރާ މަސައްކަތް އިންޑިއާއިން ސިފަކުރަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. މިއާއެކު ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަކީ ޓެރަރިސްޓުންކަމަށާ ޓެރަރިސްޓުންނަށް ވާގިވެރިވަނީ ޕާކިސްތާނުން ކަމަށް އިންޑިއާއިން ބުނެއެވެ.

ޕާކިސްތާން ދެކޭގޮތުގައި ކަޝްމީރުގެ އިންޑިއާ ފަޅިއަކީ އިންޑިއާ އިސްތިއުމާރީ އުސޫލުން ގަދަބާރުން ވެރިވެގެންފައިވާ ސަރަހައްދެކެވެ. ކަޝްމީރުގެ ރައްޔިތުން އެދޭ ގޮތެއްގެ މަތިން ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އދ. އިން ފާސްކޮށްފައިވާ ގަރާރުތަކަށް އިޖާބަ ދިނުމަށް އިންޑިއާ ދެކޮޅުހަދާއިރު ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތް ކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ލިބިފައިވާ ހައްގެއްކަމަށް ޕާކިސްތާނުން ދެކެއެވެ.

ޕާކިސްތާނާއި އިންޑިއާއަށް މިނިވަންކަން ލިބުނުފަހުން އެދެ ދެގައުމުގެ ދެމެދުގައި 4 ހަނގުރާމަ ހިނގާފައިވާއިރު އޭގެތެރެއިން 3 ހަނގުރާމައެއް ހިނގާފައިވަނީ ވަނީ ކަޝްމީރުގެ މައްސަލައިގައެވެ.

(އަލްޖަޒީރާ)

comment ކޮމެންޓް