ކުޑަކުއްޖަކާ ބެހުނު މީހަކަށް އިއްވި 15 އަހަރުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ހައިކޯޓު --- ސަން ފޮޓޯ

އާއިލީ ގުޅުން އޮތް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކުރި ހުކުމެއް ހައިކޯޓުން ދަމަހައްޓައިފިއެވެ.

އޭނާއަށް އިތުބާރުކުރެވޭ މަގާމެއްގައިހުރެ ކުޑަކުއްޖަކާއިމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާކުރީ 25 ޖޫން 2017 ދުވަހު އާއި ތަފާތު އެކި ދުވަސް މަތިން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

އެ މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ކުޑަކުއްޖާއާމެދު އޭނާ ޖިންސީ އަމަލެއް ހިންގާފައިވާކަން އެއްވެސް ޝައްކެއް ނެތް މިންވަތަށް ސާބިތުވާ ކަމަށެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 15 އަހަރަށް ޖަލަށް ލުމަށް މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކޮށްފައެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި މުއްދަތު މަޖިލީހުގައި ދައުވާ ރައްދުވާ ފަރާތުން ކުށަށް އިއުތުރާފުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން އޭނާ ކުޑަކުއްޖާއާއެކު އެކިފަހަރުމަތިން ބަދުއަހްލާގީ އަމަލު ހިންގާފައިވާނެ ކަމަށާއި ނަމަވެސް ކުޑަކުއްޖާއާއެކު ބަދުއަހްލާގީ އަމަލު ހިންގާފައިވާނީ، އެކުއްޖާގެ ރުހުން އޮވެގެން ކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް މައްސަލަ އިއުތިނާފުކޮށް އޭނާގެ ފަރާތުން ބުނެފައި ވަނީ މުއްދަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފު ހެއްކެއްގެ ގޮތުގައި ދަށު ކޯޓުން ގަބޫލު ކޮށްފައިވާކަމަށެވެ.

ހައިކޯޓުން ބުނީ އެއީ ދަށު ކޯޓުގައި ހިނގަމުންދިޔަ މުއްދަތުގެ މަޖިލީހެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ވެފައިވާ އިއުތިރާފެއްކަމުން، އެ އިއުތިރާފަކީ ހުސްބަޔާނެއް ކަމަށް ބެލެވިދާނެ ކަމަށް ނުފެންނަ ކަމަށެވެ. އަދި އެއީ ހެއްކެއް ކަމުގައި ނުބެލެވުނަސް އެބަޔާނަކީ އެއަށް އިތުބާރު ދެވޭނެ ގަރީނާއެއް ކަމަށް ބުނެފައިވެއެވެ.

އެހެން ނޫންނަމަ، ކޯޓު ތެރޭގައި ފަނޑިޔާރުގެ ކުރިމަތީގައި އެމީހަކު ހިތައް އެރި ގޮތަކަށް ހިތަށް އެރި ވާހަކައެއް ދައްކާފައި، ފަހުން އެއީ ނުދައްކާ ވާހަކައަކަށް ހެދުމުގެ ދޮރު ހުޅުވިގެން ހިނގައިދާނެކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުން ބުނީ ކޯޓު ތެރޭގައި ފަނޑިޔާރެއްގެ ކުރިމަތީގައި ހިނގަމުންދާ އަޑުއެހުމަކާއި ގުޅިގެން އެއްވެސް ފަރާތަކުން ވާހަކަ ދައްކަން ޖެހޭނީ އެކަމުގެ ނަތީޖާއެއް އޮންނާނެކަން އެނގި ހުރެގެން ކަމަށެވެ.

"ވީމާ، އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގެ މުއްދަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި ދީފައިވާ ބަޔާނަކީ އެއަށް ބުރަދަނެއް ނުދީ ދޫކޮށްލެވޭނެ ހުސް ބަޔާނެއް ނޫނެވެ. އެބަޔާނަކީ އެމައްޗަށް އިތުބާރު ދެވޭނެ ޤަޠުޢީ ޤަރީނާއެކެވެ." ހުކުމްގައިވެއެވެ.

ހައިކޯޓުން މައްސަލަ ބެލުމަށްފަހު ކުރި ހުކުމްގައި ބުނެފައި ވަނީ، މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމަކީ ސައްހަ ހުކުމެއް ކަމަށް
ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާ ކަމަށެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

comment ކޮމެންޓް