ކޮވިޑް19ގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެފައި ވާތީ، ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ގައުމުތަކަށް ގޮވާލުމަށް ޖ-77 ގެ ގައުމުތަކަށް ފޮރުން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ފޮރިން މިނިސްޓަރު އެކަމަށް ގޮވާލެއްވީ، "ޖީ-77 އެންޑް ޗައިނާ"ގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.
ވާޗުއަލްކޮށް މިއަހަރުގެ ޖީ77 + ޗައިނާ ބައްދަލުވުން ބާއްވާފައިވަނީ "ކޮވިޑް19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑް ގެ ސަބަބުން އެޅިފައިވާ ހުރަސްތައް"، މި ޝިއާރުގެ ދަށުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް19 ގެ ބަލިމަޑުގައި މަލްޓިލޭޓަރިޒަމްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި "ސަޕްލައި އެންޑް ޑިމާންޑް" އަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ތަރައްގީވެފައިވާ އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސޯދަށް މިހާރަށްވުރެ ބޮޑު އަސަރެއް ކުރާނެކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފަގީރުކަން އިތުރުވެ، އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެކަން ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން ކޮވިޑް19ގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސޯދަށް ކުރާ އަސަރު އިންތިހާއަށް ބޮޑުވާނެކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވަނީ ޖީ-20 ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި ދަރަނި ދެއްކުން 2021 ވަނަ އަހަރަށް ލަސްކުރުމަށް ޖީ-20 ގެ ގައުމުތަކަށް ގޮވާލުމަށް ޖީ-77 ގެ ގައުމުތަކަށް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.
އަދި ޝަރުތުތަކެއް އެކުނުލެވޭ، މާލީ އިތުރު އެހީތެރިކަން ތަރައްގީވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދިނުމަށް ޖީ77 އިން ގޮވާލާފައިވާ ގޮވާލުން މިނިސްޓަރު ޝާހިދު ވަނީ ތަކުރާރުކުރައްވާފައެވެ.
އޭގެ އިތުރުން މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށްވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމުގައި ޖީ-77 ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރިކަމަށް މިނިސްޓަރު ޝާހިދު ތައުރީފް ކުރެއްވިއެވެ.
ކޮވިޑް19 ގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެކި ގައުމުތަކުގައި ފުރަބަންދުތަކުގެ ސަބަބުން އަނިޔާގެ ރިޕޯޓްތައް އިތުރުވިކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި މިންތީގެ ހަމަހަމަކަމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.
އަދި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަމެއް ދޭކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު 2030 އެޖެންޑާ ހާސިލްކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް، ޒުވާނުންގެ ޕްރޮޖެކްޓްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ސިޔާސަތު ކަނޑައެޅުމުގައި ޒުވާނުންގެ ދައުރު އިތުރުކުރުން މުހިއްމުކަން ވެސް ފާހަގަކުރެއްވިއެވެ.
ގްރޫޕް އޮފް 77 އެންޑް ޗައިނާއަކީ ތަރައްގީވަމުން އަންނަ އދގެ މެމްބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.