އދ. އަތޮޅު ފަޅުރަށެއް ކައިރިންވެސް މަތިންދާބޯޓެއްގެ ބައިތަކެއް

އދ. އަތޮޅުގެ ފަޅުރަށެއްކައިރިން އޮޔާ ދަނިކޮށް ފެނުނު މަތިންދާބޯޓެއްގެ ބައެއްކަމަށް ބެލެވޭ ބައި. -- (ފޮޓޯ/ކިޔުންތެރިއެއް)

މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އދ. އަތޮޅުގެ ފަޅުރަށެއް ކައިރިންވެސް ފެނިފައިވާކަމަށް އެ އަތޮޅުގެ ބަޔަކު ބުނެފިއެވެ.

އެތަކެތި ފެނުނީ އދ. ހަންޏާމީދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމުގައިވާ އަލިކޮއިރަށަށް ދަތުރު ދިޔަ ބަޔަކަށެވެ. އޭގެ ތެރެއިން މީހަކު "ސަން"އަށް ބުނީ އެތަކެތި ފެނުނީ ރަށް ކައިރިން އޮޔާ ދަނިކޮށް ކަމަށެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަގޮތުން މިއީ މަތިންދާބޯޓެއްގެ ފިޔަގަނޑުގެ އިންޖީނުގެ ބައެއް ކަމަށް ލަފާކުރެވެއެވެ. އެ ބައިތަކުގައި ކޮންމެވެސް ވަރަކަށް ރެނދުލައި ހަލާކުވެފައި ހުރި އިރު، އިނގިރޭސިބަހުގެ ލިޔުންތަކެއް ހުއްޓެވެ.

"އޮޔާ ދަނިކޮށް ފެނުނީ. ދެން އެ އެރުވިން އެ ރަށަށް. އެ އެއްޗިހި ފެނުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހަވީރު ވަގުތެއްގައި. އަޅުގަނޑުމެން އެ ރަށަށް ދަތުރުގޮސް އުޅެނިކޮށް." މަތިންދާބޯޓުގެ ބައެއްކަމަށް ބެލެވޭ ބައި ހޯދި ފަރާތްތަކުން ބުންޏެވެ.

އދ. އަތޮޅުގެ ފަޅުރަށެއްކައިރިން އޮޔާ ދަނިކޮށް ފެނުނު މަތިންދާބޯޓެއްގެ ބައެއްކަމަށް ބެލެވޭ ބައި. -- (ފޮޓޯ/ކިޔުންތެރިއެއް)

އެމީހުން ބުނި ގޮތުގައި މިތަކެތި އަދިވެސް ހުރީ އދ. އަލިކޮއިރަށުގައެވެ. މިއަދާ ހަމައަށްވެސް އެއްވެސް ބަޔަކަށް އެކަމުގެ މައުލޫމާތު ނުދީ ހުރީ އެއީ "މާ ބޮޑު ކަމެއް ކަމަށް ނުދެކުމުން" ކަމަށާއި ނަމަވެސް އިއްޔެ ދ. އަތޮޅުންވެސް މަތިންދާބޯޓެއްގެ ބައިތަކެއް ފެނުމުން އަލިކޮއިރަށުން ފެނުނު ތަކެތީގެ މައުލޫމާތު އދ. މަހިބަދޫ ކައުންސިލާ ހިއްސާކުރަން ނިންމީކަމަށް އެމީހުން ބުންޏެވެ.

https://sun.mv/145522

އދ. މަހިބަދޫ ކައުންސިލްގެ ނައިބު ރައީސް ގާސިމް ސިހާން ވަނީ މިފަދަ މައުލޫމާތުތަކެއް އަދި ފޮޓޯވެސް ކައުންސިލަށް ލިބިފައިވާކަން ޔަގީންކޮށްދީފަ އެވެ. މިކަމާއި ގުޅޭ ގޮތުން ކައުންސިލުގެ ފަރާތުން އިތުރު މައުލޫމާތެއް ހާމަ އެއް ނުކުރެ އެވެ.

ދ. މީދޫ ކައިރިން އިއްޔެ ފެނިފައިވަނީ މަތިންދާބޯތެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައެކެވެ. ކަނޑުމަތިން އޮޔާދަނިކޮށް ފެނިގެން މީދޫއަށް އެރުވި އެ ބައިގައި ކޮންމެވެސް ވަރަކަށް ހުރީ ރިނދެލި ޖަހާފައެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށްވެސް އިއްޔެ ވަނީ ހިއްސާކޮށްފައެވެ.

comment ކޮމެންޓް