ސަރުކާރު ވަޒީފާތައް އަތޮޅުތެރެއަށް ލާމަރުކަޒީކުރުމުގެ އުދަރެސް ބަޖެޓުން

މީގެ ގާތްގަނޑަކަށް ދެ މަސްދުވަސް ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި އެންމެ ފާހަގަކޮށްލެވޭ އެއް ނުކުތާއަކީ ސަރުކާރުގެ މަސައްކަތްތަކާއި އޮފީސްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ބަދަލުކޮށް ލާމަރުކަޒީކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުންދާ ވާހަކަ އެވެ.

މިނިސްޓަރު ފައްޔާޒް އޭރު ވިދާޅުވީ މި ސަރުކާރަކީ ވަރަށް ބޮޑަށް ލާމަރުކަޒީކުރުމަށް އަހައްމިއްޔަތުކަންދޭ ސަރުކާރެއް ކަމަށާއި އެ ވިސްނުމާއެކު ސަރުކާރުގެ ވަޒީފާ އާއި މަސައްކަތްތައް ލާމަރުކަޒީކުރުމަށް ޕައިލެޓް ޕްރޮގްރާމްތަކެއް ފެށުމަށް މަސައްކަތްކުރާކަމަށެވެ.

"ލާމަރުކަޒީކުރުން، އަޅުގަނޑުމެން [ސަރުކާރުން] ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެން. އަޅުގަނޑުމެން މި މިނިސްޓްރީ ތެރެއިން މި ބަލަމުން މިދަނީ، ފުރަތަމަ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި ދެކުނާއި އުތުރުގައި ސަރުކާރުގެ ބައެއް އޮފީސްތަކުގެ ބައެއް މަސައްކަތްތައް ގެންދަން،" މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

https://sun.mv/143038

މިނިސްޓަރު މި ވިދާޅުވި މަސައްކަތް ހަގީގަތަކަށްވުމުގެ ކުލަވަރު އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބަޖެޓުން ވަނީ ފެންނަން ފަށައިފަ އެވެ.

އެގޮތުން 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ތިން ވަނަ އަހަރުގެ ތެރޭގައި ހިންގޭ އެންމެ މުހިންމު އަދި އާ މަޝްރޫއުތަކުގެ ދަށުން ވަނީ ސަރުކާރުގެ އޮފީސްތަކާއި މަސައްކަތް އަދި ވަޒީފާތައްވެސް ލާމަރުކަޒީކުރުމަށް ފައިސާ ކަނޑައަޅާފަ އެވެ.

ޖުމްލަ 18 މިލިއަން ރުފިޔާ މި މަސައްކަތަށް ހަރަދުކުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު މި މަސައްކަތް 2022 ވަނަ އަހަރުވެސް ކުރިޔަށް ދާނޭކަމަށް ބަަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ. އެގޮތުން 2022 ވަނަ އަހަރު މި މަސައްކަތަށް 15 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނޭކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.

މިނިސްޓަރު ފައްޔާޒް ސަން އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެގޮތަށް އަތޮޅު ތެރެއަށް ބަދަލުކުރާ ވަޒީފާތަކަކީ ސަރުކާރުގެ އިދާރާތަކުގެ "ބެކްއެންޑް" މަސައްކަތްތައް ނުވަތަ އިދާރީ ބައެއް މަސައްކަތްތައް ކަމަށެވެ.

އެއީ، މާލޭގައި ނުތިބެ އޮންލައިންކޮށް ވެސް ކުރެވިދާނެ ކަންކަމެވެ.

އެކަމަށް ޓަކައި މިވަގުތު މާލޭގައި ތިބި ސިވިލް ސާވެންޓުންގެ ތެރެއިން އަތޮޅުތަކަށް ބަދަލުވާން ޝައުގުވެރިވާ ފަރާތްތައް އެ ސަރަހައްދުތަކަށް ބަދަލުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެކި ކަހަލަ މަސައްކަތްތައް ސަރުކާރުން ކުރަމުން ގެންދާކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފުރަތަމަ މި ބަލަނީ މިވަގުތު ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި މާލޭގައި ތިބި ބައެއް ބޭފުޅުން، ބަދަލުވާން ބޭނުންތޯ. އިންސެންޓިވައިޒް ކުރުމާއި އެކަހަލަ ބައެއް ޕްރޮގްރާމްތަކެއް އަޅުގަނޑުމެން އެބަ ގެންދަން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު އިޝާރާތް ކުރެއްވި ގޮތުގައި އެފަދަ ސިވިލް ސާވެންޓުން މި މަސައްކަތުގެ ދަށުން އަތޮޅުތެރޭ އެހެން ރަށްތަކަށް ބަދަލުވުމުން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ އެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ލާމަރުކަޒީކުރުމުން ލިބޭ އެންމެހާ ފައިދާތައް ހޯދައި މާލެއަށް އޮންނަ ޑިޕެންޑެންސީ ކުޑަކޮށް، އަތޮޅު ތެރޭގައި ވަޒީފާގެ ފުރުސަތުތައް އުފައްދައި، ތަރައްގީކޮށް ކުރިއެރުވުމަށެވެ.

comment ކޮމެންޓް