ހޯރަފުށި އެއާޕޯޓަށް ޓެސްޓްފްލައިޓު ޖެއްސުން މިމަހު 16 ގައި

ހޯރަފުށި އެއާޕޯޓު -- ފޮޓޯ ފޭސްބުކް

ހއ ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓަށް މިމަހުގެ 16 ގައި ޓެސްޓު ފްލައިޓު ޖައްސަން ނިންމައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު މިއަދު ވިދާޅުވީ މިހާރު ތާވަލުކޮށްފައި އޮތީ މިމަހު 16 ގައި ޓެސްޓު ފްލައިޓު ޖެއްސުމަށް ކަމަށާއި ޓެސްޓް ފްލައިޓަށް ފަހު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނެ ދުވަހެއް ނިންމާނެ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުން މިމަހުގެ 17 އަށް ވަނީ ތާވަލު ކޮށްފަ އެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް އެރަށުގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަށުތެރެ ޒީނަތްތެރިކޮށް، އެއާޕޯޓު އަޅަން ހިއްކި ބިމުގައި ގަސްއިންދުމުގައިވެސް ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީީސީ އިންނެވެ. އެ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

comment ކޮމެންޓް