ސީރިއާ އަދި ޗައިނާއާ ދެކޮޅަށް ރާއްޖެ ދެން ކުޅެން ޖެހޭނީ އަންނަ މާޗުގައި

ރާއްޖެ އާއި ގުއާމް ބައްދަލުކުރާ މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ކޮވިޑް-19 ގެ ސަބަބުން ފަސްކޮށްފައިވާ ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތަކުގެ ތެރެއިން ޗައިނާ އަދި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗުތައް އަންނަ އަހަރުގެ މާޗް މަހު ކުޅުމަށް ތާވަލުކޮށްފި އެވެ.

ކޮވިޑްގެ ހާލަތު މަޑު މަޑުން ހަމައަކަށް އެޅުމުގެ މިސްރާބު ހިފުމާ ގުޅިގެން އޭއެފްސީން އިއްޔެ ވަނީ އެ އިދާރާގެ މުބާރާތްތައް އަލުން ފެށުމަށް ގޮތް ނިންމުމަށް ހާއްސަ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ބައްދަލުވުންތަކަކަށް ފަހު ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައި ވަނީ ކޮލިފައިން ދެ ވަނަ ބުރުގައި ބާކީ ހުރި މެޗުތައް އަންނަ އަހަރު ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާލައި ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށެވެ.

އެގޮތުން ބައެއް ގައުމުތަކުގެ މެޗުތައް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ތާވަލުގައިވާ ގޮތުން ރާއްޖެއިން ނުކުޅެ ލަސްވެފައިވާ ދެ މެޗެއް މާޗު މަހަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. ޖޫން މަހު އޮންނާނީ ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ޗައިނާއާ ދެކޮޅަށް ފުރަތަމައިން މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މިދިޔަ މާޗް މަހުގެ 26 ވަނަ ދުވަހު އެވެ. އެ މެޗު ފުރަތަމައިން ކުޅެން ނިންމީ ތައިލެންޑުގެ ބުރިރަމް ޕްރޮވިންސްގެ ޗޭންގް އެރީނާ ސްޓޭޑިއަމްގައި އެއްވެސް ސަޕޯޓަރެއް ނުވައްދަ އެވެ. އަދި، ރާއްޖެ ހިމެނޭ ގްރޫޕުގައި ގުއާމާއި ޗައިނާ ވާދަކުރަން އޮތް މެޗު ވެސް އޭރު ވަނީ ތައިލެންޑަށް ބަދަލުކޮށްފަ އެވެ.

އަދި އެ މަހުގެ 31 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ސީރިއާ ވާދަކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، ކޮވިޑް ހަލުވިކަމާ އެކު ފެތުރެން ފެށި، ގައުމުތަކުގެ ލޮކްޑައުން ފިޔަވަޅުތައް އެޅުމާ އެކު އޭރު މުއްދަތެއް ނެތްގޮތަށް އެ މެޗުތައް ފީފާއާއި އޭއެފްސީގެ މަޝްވަރާތަކުގެ މަތިން ފަސްކުރީ އެވެ.

އަދި އެއަށް ފަހުން އޭއެފްސީން މަޝްވަރާކުރުމަށް ފަހު މިދިޔަ ޖޫން މަހު މެޗުތައް ބާއްވަން ކަނޑައެޅީ މި އަހަރުގެ އޮކްޓޫބަރާއި ނޮވެމްބަރު މަހުގަ އެވެ. އެހެން ނަމަވެސް ފަހުން ވެސް ކޮވިޑް-19ގެ ކަންތައްތަކުން އަރައިގަނެވިފައިނުވާތީ ކޮލިފައިން މެޗުތައް އަންނަ އަހަރަށް ފަސްކުރަން ފީފާ އާއި އޭއެފްސީން ނިންމީ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕުގެ އެއްވަނައިގައި ސީރިއާއިން 15 ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އޮތް ޗައިނާއާއި ތިންވަނައިގައި އޮތް ފިލިޕީންސްއަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ރާއްޖެއަށް މިހާތަނަށް ހަ ޕޮއިންޓް ލިބިފައިވާ އިރު ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދިއްޖެ ނަމަ ރާއްޖެއަށް އޭއެފްސީން ފުރުސަތު ލިބޭނެ އެވެ.

comment ކޮމެންޓް