ގައުމަށް ދާން އެދުނު ބިދޭސިންނަކީ ވަޒީީފާގައި ތިބި މީހުންތޯ ބަލަނީ

ރެޕަޓްރިއޭޝަން ފްލައިޓެއްގައި ބިދޭސިން ފުރުން --- ފޮޓޯ: މޯލްޑިވިއަން

ރެޕަޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން އެދިފައިތިބި މީހުންނަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްގައި ތިބި މީހުންތޯ ބެލުމަށް އެމީހުންގެ މައުލޫމާތު އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެެއްގައި ބުނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއް ނެތި، ގަވައިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ މީހުންގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައި ދިނުމަށް ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ހިންގަމުންދާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްގައި ތިބި ގިނަ ބިދޭސީން ހުށަހަޅަމުންދާ ކަމަށެވެ.

އެ ފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބުނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ވަނީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލެއްގައި ތިބި ނަމަވެސް އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންނާ ބެހޭ މައުލޫމާތު އާންމުކޮށްފަ އެވެ.

މިނިސްްރީ އިން އާންމުކުރި ލިސްޓްގައި ހިމެނޭ ބިދޭސީންނަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތައް ނަމަ އެކަން ބަޔާންކޮށް މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް އެކަން ހިއްސާކުރުމަށް މިނިސްޓްރީ އިން ވަނީ އެދިފަ އެވެ.

އީމެއިލްގައި ބިދޭސީގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަންޖެހޭނެ އެވެ.

އިއުލާނުގައި ބުނީ މި މުއްދަތުގައި ވަޒީފާ ދޭ ފަރާތުން މި މިނިސްޓްރީއަށް މައުލޫމާތު ހިއްސާ ނުކުރާ މީހުންގެ ތެރެއިން ލިސްޓްގައި ހިމެނޭ ބިދޭސީން "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ފޮނުވައި ލެވޭނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ސައްހަ ލިޔެކިޔުން ނެތް 7،000 އަށް ވުރެ ގިނަ ބަންގްލަދޭޝް ރައްޔިތުން ވަނީ ގައުމަށް ފޮނުވާލައިފަ އެވެ. އަދި އަމިއްލަ އަށް ގައުމަށް ދާން ބޭނުންވެގެން އެދުނު، ސައްހަ ލިޔެކިޔުން އޮވެ ގަވައިދާ އެއްގޮތަށް އުޅެމުންދިޔަ 8،000 އެއްހައި ބިދޭސިންވެސް ވަނީ ފޮނުވާލައިފަ އެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ޓާގެޓަކީ މި އަހަރުގެ ނިޔަލަށް ގަވާއިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ފޮނުވާލުން ކަމަށެވެ. ނަމަވެސް އެ ޓާގެޓް ހާސިލް ނުވި ކަމަށާއި އަންނަ އަހަރުވެސް 20،000 މީހުން ފޮނުވާލުމުގެ ޓާގެޓް ކަނޑައަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ނިޔަލަށް 10،000 ބިދޭސިން ފޮނުވާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް 60،000 - 80،000 ބިދޭސިން އުޅޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓެއްގަ އާއި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މޯލްޑިވިއަން އިން ވަނީ މިހާތަނަށް ބަންގްލަދޭޝް އަށް 44 ރެޕަޓްރިއޭޝަން ދަތުރުކޮށްފަ އެވެ.

comment ކޮމެންޓް