އޭރޯފްލޯޓުގެ ދަތުރުތައް އިތުރުކޮށް ރަޝިއާގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަނީ

އޭރޯފްލޯޓުގެ ބޯޓެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

ރަޝިއާގެ އޭރޯފްލޯޓުން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށް އެ ގައުމުގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

ކޮވިޑު19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އިންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިހާރު ހަފްތާ އަކު ހަތަރު ފްލައިޓު ބާއްވަމުންދިޔަ ނަމަވެސް މިމަހުގެ 21 އިން ފެށިގެން އޭރޯފްލޯޓުން ރާއްޖެއަށް ހަފްތާއަކުން އަށް ދަތުރު ބާއްވަން ނިންމާފައިވާ ކަމަށެވެ. މިއާއެކު ހަފްތާއަކު ކޮންމެ ދުވަހަކު އެއް ދަތުރު އަދި އާދިއްތަ ދުވަހު ދެ ދަތުރު އެ އެއާލައިނުން ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ކުރާނެ އެވެ.

މީގެ އިތުރުން ރަޝިއާގެ ރޮސިޔާ އެއާލައިނުން ވެސް މިމަހުގެ 14 އިން ފެށިގެން ރާއްޖެއަށް ދަތުުރު ފަށަން ވަނީ ތާވަލުކޮށްފަ އެވެ. އެ އެއާލައިނުން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު މާލެ އާއި ރަޝިއާ އާއި ދެމެދު ދަތުރު ކުރާނެ އެވެ. އަންނަ އަހަރުގެ މާޗު 21 ގެ ނިޔަލަށް އެ އެއާލައިނުގެ ދަތުުރުތައް ވަނީ ތާވަލު ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މީގެ ކުރިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރަޝިއާގެ ނޯޑްވިންޑާއި އަޒުރް އެއާ އިންވެސް ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރު ކުރާނެ އެވެ.

މިހާތަނަށް ރާއްޖެއަށް ހަތަރުލައްކަ އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން 44،365 ފަތުރުވެރިން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް