ރަޝިއާގެ ވެކްސިންގެ ޓެސްޓުތަކުން އުއްމީދީ ނަތީޖާއެއް

ރަޝިއާއިން ދަނީ ސްޕަޓްނިކް ފަހެއްގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ކުރިއަށްގެންދަމުން -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ނޮވެމްބަރު 11): ރަޝިއާއިން ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އުފެއްދި ސްޕަޓްނިކް ފަހެއް ވެކްސިން މީހުންނަށް ދިނުމުން، އެ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވާ ކަމަށް ރަޝިއާއިން ބުނެފި އެވެ.

ސްޕަޓްނިކް ފަހެއް އުފެއްދުމަށާއި މާކެޓް ކުރުމަށް ހަރަދު ކުރާ ރަޝިއަން ޑިރެކްޓް އިންވެސްޓްމެންޓު ފަންޑު (އާރުޑީއައިއެފް)އިން ބުނި ގޮތުގައި އެ ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ލިބިފައި ވަނީ މިހާރު ކުރިއަށްގެންދާ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުންނެވެ. އެގޮތުން އެ ނަތީޖާތައް ލިބިފައި ވަނީ ވެކްސިންގެ ފުރިހަމަ ޑޯޒްތައް ފުރަތަމަ ދިން 16،000 ބައިވެރިންގެ ހާލަތަށް ބެލުމަށް ފަހުގަ އެވެ.

އެ ޓެސްޓުތަކުގައި މީހުން ގުރޫޕުތަކަށް ބަހާލައި، ބައެއް މީހުންނަށް ވެކްސިން ދިން ނަމަވެސް އެހެން މީހުންނަށް ވެކްސިން ނުދޭނެ އެވެ. އަދި ވެކްސިން މަސައްކަތް ކުރާ މިންވަރު ބެލުމަށް ދެ ގުރޫޕުގައި ތިބި މީހުންނަށް ބަލި ޖެހޭތޯ ބަލާ، އެ އަދަދުތައް އަޅާ ކިޔާނެ އެވެ.

އާރުޑީއައިއެފްއިން ބުނި ގޮތުގައި އެ ޓެސްޓުތަކުން މިހާތަނަށް ލިބިފައިވާ ނަތީޖާއިން އެނގޭ ގޮތުގައި ވެކްސިން ނުދޭ ގުރޫޕާ އަޅާ ބަލާއިރު، ވެކްސިން ދިން ގުރޫޕުގައި 92 ޕަސެންޓު މީހުން ކޮވިޑް ބަލިން ރައްކާތެރި ކުރެވުނެވެ. އަދި އެ ޓެސްޓުތައް އަދި އިތުރު ހަ މަހަށް ކުރިއަށްގެންދާނެ އެވެ.

ރަޝިއާއިން އެ އިއުލާން ކުރީ އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބަޔޯއެންޓެކް ކުންފުނިން އުފައްދާ ކޮވިޑް ވެކްސިންއާ ބެހޭ އާ މައުލޫމާތު އެ ދެ ކުންފުނިން ދާދި ފަހުން ހިއްސާ ކުރި ފަހުންނެވެ. އެގޮތުން 43،500 މީހުން ބައިވެރިކޮށްގެން ހެދި ޓެސްޓުތަކުން ދެއްކި ގޮތުގައި އެ ވެކްސިން ދިނުމުން 90 ޕަސެންޓު މީހުން ބަލިން ރައްކާތެރި ކުރެވޭ ކަމަށް ފައިޒާއިން ބުންޏެވެ. އަދި އެ ދެ ކުންފުނިން އުއްމީދު ކުރަނީ އެ ވެކްސިން ބޭނުން ކުރަން އެމެރިކާއިން ވަރަށް އަވަހަށް ވަގުތީ ހުއްދައެއް ލިބޭނެ ކަމަށެވެ.

ރަޝިއާގެ ގަމަލެޔާ ރިސާޗް އިންސްޓިޓިއުޓް އޮފް އެޕިޑެމިޔޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީއިން އުފެއްދި ސްޕަޓްނިކް ފަހެއް ވެކްސިން އެގައުމުން ވަނީ އޮގަސްޓު މަހު ރެޖިސްޓާ ކޮށްފަ އެވެ. އަދި އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތައް ރަޝިއާގެ އިތުރުން ބެލަރުސް، އިންޑިއާ، ވެނެޒުއޭލާ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ދަނީ ކުރިއަށްގެންދަމުންނެވެ.

comment ކޮމެންޓް