ގާނޫނު އަސާސީ ހުއްޓުނު ކަމަށް ރައީސް ދެއްކެވި ވާހަކަ ސާފުކުރަން ކޯޓަށް ވައްދާނަން: ޔާމީން

ގާނޫނު އަސާސީ ހުއްޓުނު ކަމަށް މޭރުންވާ ގޮތަށް ރައީސުލްޖުމުހުރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ މުރާދު ސާފުކުރުމަށް އެ މައްސަލަ މާދަމާ ކޯޓަށް ވައްދާނެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ހަވީރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓް ގުރޫޕްގެ ލީޑަރު އަބުދުﷲ ޔާމީން ވިދާޅުވީ ގާނޫނު އަސާސީ ދަމަހައްޓަވަން ޖެހިވަޑައިގަންނަވާ ބޭފުޅާ، ރައީސުލްޖުމުހޫރިއްޔާ ގާނޫނު އަސާސީ، ނުވަތަ ގާނޫނު ހުއްޓުނު ވާހަކަ ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަން ސާފުކުރުމުގެ ގޮތުން އެ މައްސަލަ ކޯޓަށް ވައްދަނީ ކަމަށެވެ.

"ރައީސުލްޖުމުހުރިއްޔާ އެކަމާ ގުޅޭ ގޮތުން އެ ދެއްވި ސްޓޭޓްމެންޓް މި ޕާޓީ އަކަށް އަޅުގަނޑުމެންނަކަށް އިދިކޮޅުގައި މިތިބި އެއްވެސް ޕާޓީ އަކަށް ގަބޫލެއް ނުކުރެވޭނެ. އެއީ ގާނޫނު އަސާސީ ދަމަހައްޓަން ގާނޫނު އަސާސީ އިން ލާޒިމް މިކުރަނީ ރައީސުލްޖުމުހޫރިއްޔާ އަށް،" ޔާމިން ވިދާޅުވި އެވެ.

ރައީސުލްޖުމުހުރިއްޔާ ގާނޫނު އަސާސީގައި ހުރި ބައެއް ކަންތަކާ މިހާރު ވެސް ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ޔާމީން ވިދާޅުވީ އެކި ބޭފުޅުން ހައްޔާރުކުރަމުން ގެންދިއުން ދޭހަ ކޮށްދެނީ ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އަމަލު ނުކުރައްވާ ކަމަށެވެ.

"ގާނޫނު އަސާސީގެ މާއްދާތަކާ ހިލާފަށް ރައީސް ބޭނުންވާ ކަންތައް ކުރަށްވާފައި ގާނޫނު އަސާސީ އިން ކުރަން ބުނާ ކަންތައް ނުކޮށް ދެން މި ވިދާޅު ވަނީ ގާނޫނު އަސާސީ މިވަނީ ހުއްޓިފައޭ،"

ޔާމީން ވިދާޅުވީ ރައީސް އެހެން ވިދާޅުވާ މައްސަލައަކީ ސީރިއަސް މައްސަލެއެއް ކަމަށާއި ގާނޫނީ ވަކީލުންނާ އެކު ރައީސްގެ ވާހަކަފުޅު މުތާލިއާ ކުރެއްވުމަށް ފަހު ގާނޫނު އަސާސީ ހުއްޓުމަށް އައިކަމަށް ރައީސް ވިދާޅުވީ ކިހިނެއްވެގެންތޯ އާއި ގާނޫނު އަސާސީ ހުއްޓުވައިލައިގެން އުޅުއްވާތޯ ބައްލަވަން ކޯޓަށް މައްސަލަ ވައްދާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އދ. މަހިބަދޫގެ ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖޭއެސްސީ އިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ފިޔަވަޅު އަޅަން ނިންމުމުން އޭގެ މައްޗަށް ފަނޑިޔާރުން ބަސް ވިދާޅުވާ ނަމަ ޤާނޫނު އަސާސީ ހިންގުން އޮންނާނީ ހުއްޓިފައި ކަމަށެވެ.

މީގެ އިތުރަށް މި ރޭ އޮންނަ މުޒާހިރާ އާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ މުޒާހިރާގައި އެއްވެސް ފަރާތަކުން ފުލުހުންނާ ކުރިމަތިލައި އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް ގޮވާލާ ކަމަށާއި ސަލާމަތީ ބާރުތަކުން ވެސް ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލުމަށް މަސައްކަތް ނުކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު