ފުލުހުންތަކެއް މީހަކަށް އަނިޔާކޮށް، ބިރުދެއްކި ކަމުގެ ތުހުމަތު!

ފުލުހުންތަކެއް މާލޭގައި ހިނގި މުޒާހަރާއެއް ކޮންޓްރޯލު ކުރުމުގެ މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ފުލުހުންތަކެއް، މީހަކަށް އަނިޔާކޮށް، އެ މީހާއަށް ބިރުދައްކައި އިންޒާރުދިން ކަމަށް ތުހުމަތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރޭގަނޑު 11:00 އެހާކަންހާއިރު، އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތީގައި ހުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާއަށް އަނިޔާދިން ކަމަށް ބުނެ، އެ މީހާގެ އާއިލާއިން ވަނީ ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވާފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީ ވަނީ އާންމުކޮށްފަ އެވެ.

އަނިޔާ ލިބުނު މީހާގެ ދައްތަ ފޮނުވި އެ ސިޓީގައި ބުނެފައިވާ ގޮތުން، އޭނާގެ ކޮއްކޮ އައްޑޫ ސިޓީ ހިތަދޫގެ މަގެއްގެ މަތީގައި ހުއްޓާ ފުލުހުންތަކެއް އައިސް އޭނާ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ އަތުގައި ބިޑި އެޅުވުމަށް ފަހު، އޭނާގެ ގައިގައި ތެޅި އެވެ. އެގޮތުން އޭނާގެ ކަންފަތް މަތީ އެތައް ފަހަރަކު ޖަހާފައިވާ ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން ފުލުހުންގެ އޮފިސަރުންތަކެއް ބެޑްޝީޓެއް ހިފައިގެން އައިސް، އޭނާ އޭގައި އައްސައި، އެކޮޅުކޮޅުން ބާއްވައި އަނިޔާ ދޭނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ކޮއްކޮ ބަހައްޓާފައި ހުރި ގޮޅީގައި ހުރި އެހެން މީހަކު، އޭނާވެސް އެގޮތަށް އެކޮޅުކޮޅުން އައްސައި އަނިޔާދިން ކަމަށް ބުނެފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.

އަދި ކޮއްކޮއަށް އަނިޔާކުރިކަން އެއްވެސް މީހެއް ގާތުގައި ބުނެފި ނަމަ "ހޭއަރުވާލާނެ ކަމަށް" ފުލުހުން ބުނި ކަމަށްވެސް ސިޓީގައިވެ އެވެ.

އޭގެ އިތުރުން، ކޮއްކޮ ގައިގައި ތަޅަން ޖެހުނީ، އަނިޔާދިން އޮފިސަރުންގެ ތެރެއިން މީހެއްގެ "އެނާޖީ ވޭސްޓްވާތީ" ކަމަށްވެސް ބުނި ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލި އިރު އަނިޔާ ލިބިފައި ހުރިކަން ފާހަގަ ކުރެވިގެން އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް އެ ސިޓީގައިވެ އެވެ. އެގޮތުން އޭނާގެ ވާތު ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމާއި، އޭނާގެ ހައްޓަށް އަނިޔާ ދީފައިވާކަން ޑޮކްޓަރުގެ ލިޔުންތަކުންވެސް އެނގޭ ކަމަށް ބުނެފައިވެ އެވެ.

އެ ސިޓީގައި އެދިފައި ވަނީ އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށެވެ. އޭގެ އިތުރުން އޭނާ ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ސިޓީ ފޮނުވައި މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ.

މި މައްސަލައާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ފުރިހަމަ ތަހުގީގެއް ހިންގަވާނެ ކަމަށެވެ. އަދި އެހެން މުއައްސަސާއަކުން ހިންގާ ތަހުގީގަކަށް ފުލުހުންގެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، އިންޓާނަލީ ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް ފުލުހުން ތުހުމަތު ކުރެވޭ މީހުންނަށް އަނިޔާ ކުރާ މައްސަލަތައް ފެންމަތިވި ނަމަވެސް، އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށް ބުނެ ބައެއް އާންމުން ކަންބޮޑުވުން ފާޅު ކުރެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މ. އުޖާލާގެ ފުލުހުން ބަަލައި ފާސްކުރި އިރު ބިދޭސީއަކަށް އަނިޔާދިން މައްސަލައެއްވެސް ފެންމަތިވި އެވެ. އެކަން ފަޅާ އެރީ ފުލުހުން އެ އަމަލު ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމުން އެވެ. އެކަން ކުރި ފުލުހުން ވަނީ އެ ވީޑިއޯ ކުރި ކަމަށް ތުހުމަތުވާ ބަޔަކު ދިރިއުޅޭ ގެއަކަށް ވަދެ، ބިރުވެސް ދައްކައިފަ އެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ބޯޑުން ނިންމީ ތުހުމަތު ކުރެވޭ ހަތް ފުލުހުން ޑީމޯޓްކޮށް، ވަޒީފާ އަދާކުރާ ޑިޕާޓްމަންޓު ބަދަލުކޮށް، އަހުލާގީ ކުލަ އާއި މެޑަލް އަތުލުމަށެވެ.

ނަމަވެސް، މީގެ ކުރިން އެފަދަ އަމަލުތައް ހިންގާފައިވާ ފުލުހުން ވަޒީފާއިން ވަކިކޮށްފައިވެސް އެވެ. މިދިޔަ އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގެ ތުހުމަތުގައި ހޯދަމުން ދިޔަ މީހަކު، މަސްވެރިން ޕާކް ސަރަހައްދުގައި ހުރި ސައިކަލެއް ވަގަށް ނަގަން އުޅޭ ކަމަށް ތުހުމަތުކުރެވިގެން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެއުމަށްފަހު، އެމީހާއަށް އަނިޔާކުރި މައްސަލައްގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވެ އެވެ.

comment ކޮމެންޓް