ބްރޯޑްކާސްޓިން ސްޓޭޝަންތަކަށް ހިމާޔަށް ދިނުމަށް ގޮވާލައިފި

މާލެ ތެރޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބްރޯޑްކާސްޓިން ސްޓޭޝަންތަކާއި އެތަންތަނުގެ މުވައްޒަފުންނަށް ހިމާޔަތް ދިނުމަށް މޯލްޑިވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މޯލްޑިވެސް ޕޮލިސް ސާވިސްގައި އެދިއްޖެ އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަހީބު ސޮއިކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު އަށް މިއަދު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ބްރޯޑްކާސްޓިން ސްޓޭޝަންތަކާއި އެތަންތާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ތަނުގެ މުދަލަށް ލިބިދާނެ ގެއްލުމަކުން އެ ފަރާތްތަށް ހިމާޔަތްކޮށް ސަލާމަތީ ގޮތުން ރައްކާތެރިކަން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަށެވެ.

އަދި މާލެ ތެރޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައެއް ފަރާތްތަކުން ބްރޯޑްކާސްޓިން ސްޓޭޝަންތައް ކައިރިއަށް އެއްވެ މުވައްޒަފުންނަށާއި ތަނަށް ގެއްލުންދެމުންދާ ކަމަށާއި އެކަމާ އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅުމާއި މީޑިއާ އަށް ބިރުދައްކައި އިންޒާރު ދިނުމަކީ އެ ކޮމިޝަނުން ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ނޫސްވެރިކަމުގެ މިނިވަން ކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ހައްގެއް ކަމަށް ވެސް ބްރޯޑްކާސްޓީން ކޮމިޝަނުން ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު