އައްޑޫ ސިޓީގެ ތިން އަވަށެއްގެ ބޮޑުމަގުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ފަށައިފި

އައްޑޫ ތިން އަވަށުގެ ބޮޑު މަގު ރީސާފެސް ކުރުމުގެ މަޝްރޫއު ފެށުން -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސާފޭސް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫގެ ވެންބޮޅޮފިށި ސްޓޭޑިއަމް ސަރައްދުގައި އޮތް ހާއްސަ ރަސްމިއްޔާތަކާ އެކުއެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ޖީކޭ ޑިވެލޮޕްމަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 23 ޑިސެމްބަރު 2019 ގައެވެ.

އެ މަޝްރޫއުއަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓް އައްޑޫ ސިޓީ އަށް ގެންދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ދިވެހި ސަރުކާރުން 134 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ބޮޑުމަގު ރީސާފޭސް ކުރުމުގެ މަސައްކަތުގެ އިތުރުން އައްޑޫ ސިޓީގެ 18 މަގެއްގައި އަލަށް ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީ ގަމުގެ ފާލަމުން މަރަދޫ ނިމެންދެން ހެދި ގާތްގަނޑަކަށް 9.4 ކިލޯމީޓަރުގެ މަގަށް، ސްރީލަންކާ ސަރުކާރުން ނުވަ މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށެވެ.

އަދި އެ މަގު އެޅުމުގެ މަސައްކަތް ކުރަމުންދިޔައިރު، ސަދަން ޔުޓިލިޓީ ލިމިޓެޑާ މަޝްވަރާކޮށްގެން، ފެން ހޮޅި އަޅާފައިވާ ކަމަށާއި ތިން ރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ބޮޑުމަގު ފިޔަވައި އެހެން މަގުތައް ބޭނުންކޮށްގެން ކުރެވޭނެ ކަމަށް އެ ކުންފުނިން ހާމަކުރި ނަމަވެސް ފަހުން އެކަން ބަދަލުވެ އެހެން މަޝްރޫއުތަކެއް ފެށިގެން ދިޔަ ކަމަށެވެ.

މޭޔަރު ވިދާޅުވީ އެ މަޝްރޫއު ހިންގިއިރު ބޮޑު މަގު އަލުން ކަނޑާފައިވާ ކަމަށާއި އޭރު މަޝްރޫއު ރޭވުނު އިރުވެސް ރާވާފައި ވަނީ މަގު ރީސާފޭސް ކުރާ ގޮތަށް ކަމަށެވެ.

"ނަމަވެސް އިތުރު ހަރަދުތަކެއް ހިނގައިދިޔަ. އެހެންކަމުން އޭގެއިން އެނގެނީ ތަރައްގީގެ މަޝްރޫއެއް ސަރުކާރުން އަދި ކައުންސިލުން ވިޔަސް ހިންގާއިރު، އެކަމެއް ރަނގަޅަށް ރާވާ ހިންގަން ޖެހޭކަން. އެހެންކަމުން މި ފިލާވަޅުތަކުން ދަސްވެ، މި ފިލާވަޅުތަކާއެކު ރައްޔިތުންނަށް ދޭ ހިދުމަތްތައް އެންމެންވެސް ދުރާލައި ރާވައިގެން ކުރިއަށްގެންދިއުމަށް ގޮވާލަން،" މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިއަދު ފެށި މަޝްރޫއަކީ 2019 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއެއް ކަމަށާއި، އެކި ކަންތައްތަކުގެ ސަބަބުން މަޝްރޫއު ފެށުން ލަސްވެފައިވާ ކަމަށެވެ.

އަދި މިއަދު މަސައްކަތް ފަށާފައިވާއިރު، މަގުގެ ތާރު ނަގައި އަލުން ތާރު އަޅާނެ ކަމަށާއި އެކަން ކުރާއިރު ގެއަކަށް ނަރުދަމާ ހޮޅި ވައްދަން އަލުން ތާރު ކަނޑަކަން ނުޖެހޭނެކަން ޔަގީންކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ފެށުނު މަޝްރޫއު ނިމިގެންދާއިރު، އައްޑޫގެ މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދަން ރޭވި މަޝްރޫއަކީ އައްޑޫ ސިޓީގެ ހުރިހާ މަގުތަކެއް ރަނގަޅު ފެންވަރަކަށް ހެދުމާއި، ވިއްސާރައިގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ފެން ހިންދުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއުކަން މޭޔަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ރަށްރަށުން ބިން ހިއްކުމުގެ މަޝްރޫއުތަކާއި، އިގްތިސޯދީ ބޭނުމަށް ރިސޯޓު ހެދުމަށްޓަކައި ރަށްތައް އުފެއްދުމުގެ މަސައްކަތް ނިމިގެންދިޔަ އަހަރުން ފެށިފައިވާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް އައި ކޮވިޑް19 ޕެންޑަމިކަކީ ދުނިޔޭގެ އެއްވެސް ސަރުކާރަކުން އުއްމީދުކުރި ކަމެއް ނޫން ކަމަށާއި ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ގާތްގަނޑަކަށް އަށް މަސް ދުވަސް ގެއްލިގެން ގޮސް ތަރައްގީގެ އެކި ކަންކަމާއި އިގްތިސޯދަށް އެތަކެއް ގެއްލުމެއް ވެފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް އެނގޭ މިހާރުވެސް މިތަނުންވެސް ކުދިން ކުރާ ސުވާލަކީ ކޮން އިރަކުތޯ ފެށެނީ. އަޅުގަނޑު އަމިއްލައަށްވެސް ކުރާ ސުވާލަކީ އެއީ،" މޭޔަރު ވިދާޅުވިއެވެ.

comment ކޮމެންޓް