ބޭސްފަރުވާއަށް އައްޑޫއަށް ދާ މީހުން ތިބެން ހާއްސަ ތަންތަން ހަދަނީ

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަކީ އައްޑޫ ސިޓީގެ އިތުރުން ރާއްޖޭގެ އެހެނިހެން ހިސާބުތަކުންވެސް މީހުން އަންނަ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި، ހޮސްޕިޓަލުގެ ކައިރި ސަރަހައްދުތަކުގައި އެހެން އަތޮޅުތަކުން އަންނަ ފަރާތްތަކަށް ހާއްސަކޮށް އެކޮމޮޑޭޝަން ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ އޭއީއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޑރ. މުހައްމަދު ސޯލިހާއި އައްޑޫ ސިޓީ ކައުންސިލާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.

އިއްޔެ ހެނދުނު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ޑރ. ސޯލިހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އޭއީއެޗްއަކީ ރަނގަޅު ފެންވަރެއްގެ ޓާޝަރީ ކެއާ ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން އޭއީއެޗްގައި މިވަގުތު އެކަށީގެންވާ މިންވަރަށް ޑޮކްޓަރުން ނެތްކަން ފާހަގަކުރައްވައި ޑރ. ސޯލިހު ވިދާޅުވީ ހޮސްޕިޓަލަށް އިތުރު ދިވެހި ޑޮކްޓަރުން ބޭނުންވާ ކަމަށެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރުން -- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އަދި ރާއްޖޭގެ އެހެން ހިސާބުތަކުންނާއި ބޭރު ގައުމުތަކުންވެސް އޭއީއެޗް އަށް ރަނގަޅު ޑޮކްޓަރުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިހާރު ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންގެ ތެރެއިން އެކަށީގެންވާ ފެންވަރު ނެތް ޑޮކްޓަރުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ޑރ. ސޯލިހު ވިދާޅުވީ އެ މަސައްކަތަށް ގާތްގަނޑަކަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހަމައެއާއެކު އޭއީއެޗްގެ މުޅި އިދާރީ އޮނިގަނޑު ބަދަލުކޮށް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އޭއީއެޗް އަށް އެޕޮއިންޓްމަންޓް ހެއްދުމަށް ހިލޭ ގުޅޭ ހަތަރު ނަންބަރުގެ ހާއްސަ ފޯނު ނަންބަރެއްވެސް ތައާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށް ޑރ. ސޯލިހު ވިދާޅުވިއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގެ ސިއްހީ މަރުކަޒުތަކަކީވެސް އޭއީއެޗްގެ ބައެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހޮސްޕިޓަލުގެ ޑޮކްޓަރުން ތާވަލްކޮށްގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ބެއްލެވުމަށް ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ހުޅުދޫ އާއި މީދޫގެ ރައްޔިތުން ލޭ ޓެސްޓު ހެދުމަށް މިހާރު އޭއީއެޗް އަށް ދާން ނުޖެހޭނެ ކަމަށާއި، ސާމްޕަލް ނެގުމަށްފަހު ފެރީ އިން ފޭދޫ އަށް ފޮނުވުމުން، ފޭދޫ ސިއްހީ މަރުކަޒުގެ ސާމްޕަލްތަކާއެކު އެ ސާމްޕަލްތައް އޭއީއެޗް އަށް ފޮނުވި، ސާމްޕަލް ނަގާ ދުވަހު ޓެސްޓުގެ ނަތީޖާ އީމެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ޑރ. ސޯލިހު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު، އަބްދުﷲ ސޯދިގު ވިދާޅުވީ އޭއީއެޗް އާއި އައްޑޫ ސިޓީން ލިބެން ހުންނަ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ޕަބްލިކް ހެލްތުގެ ބައެއް މަސްއޫލިއްޔަތުތައް ކައުންސިލާވެސް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ، އޭއީއެޗް އާއެކު ޕަބްލިކް ހެލްތުގެ ދާއިރާއިން އެކިއެކި ޕްރޮގްރާމްތައް އާންމުންނަށް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ.

comment ކޮމެންޓް