ފުރަތަމަ ވާޗުއަލް ޑަބްލިއުޓީއެމްގައި ފެއާގައި ރާއްޖެ ބައިވެރިވެއްޖެ

މީގެ ކުރިން ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖޭގެ ސްޓޭންޑް-- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ލަންޑަންގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ. ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން މިއަހަރު މިފެއާ ކުރިއަށްގެންދަނީ ވާޗުއަލްކޮށެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ފެއާގައި މިއަހަރު އެންމެ ބޮޑު އިސްކަމެއްދެނީ ކޮވިޑް19ގެ ބަލިމަޑުކަމުން ފަތުރުވެރިކަމުގެ ސިނާއަތަށްދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވުމަށެވެ.

މިއަހަރުގެ ފެއާގައި ލައިވް ކޮންފަރެންސް ސެޝަންތަކާއި ފޯރަމްތައް ބާއްވާއިރު، މި ސިނާއަތުގައި އުޅޭ ފަރާތްތަކަށް ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. އަދި ދަތުރުފަތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތްވެސް ފެއާގައި ކުރިއަށްދާނެ އެވެ.

މިއަހަރުގެ ފެއާގައި ވިޒިޓް މޯލްޑިވްސްއިން ރާއްޖެ މާކެޓު ކުރުމަށް ވާޗުއަލްކޮށް ބާއްވާ ވަން-ޓު-ވަން މީޓީންތަކާއި ސްޕީޑިން ނެޓްވޯކިން ސެޝަންތަކުގައި ބައިވެރިވާނެ އެވެ.

މި ފެއާގައި ބައިވެރިވުމާ ގުޅޭގޮތުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ މިފެއާގައި ބައިވެރިވުމަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ރައްކާތެރި މަންޒިލަކީ ރާއްޖޭގެ ގޮތުގައި ޕްރޮމޯޓުކުރަން ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މިއީ ޕްރޮމޯޓުކުރުން އިތުރު ކުރަން ޖެހޭ ދުވަސްވަރެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މި އިވެންޓުގައި ބައިވެރިވެ، އަޅުގަނޑުމެން ބޭނުންވަނީ ފަތުރުވެރިންނަށް ޔަގީންކަން އަރުވަން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަން. އަދި އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ދަނޑިވަޅެއްގައި ރާއްޖެ އިޝްތިހާރުކުރުން އިތުރުކޮށް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އަދަދު އިތުރުކުރުން." ތައްޔިބު ވިދާޅުވި އެވެ.

މިއަހަރުގެ ފެއާގައި ރާއްޖޭގެ ފަރާތުން ވިޒިޓް މޯލްޑިވްސްއާއެކު ދެން ބައިވެރިވަނީ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، ސަން ސިޔާމް ރިސޯޓްސް، ރެޑިސަންބްލޫ ރިސޯޓްސް މޯލްޑިވްސް އަދި ރޮބިންސަން ކްލަބް މޯލްޑިވްސް އެވެ.

ވިޒިޓް މޯލްޑިވްސްއިން ވަނީ ކޮވިޑް19އާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރަމުން އައި ގޮތްވެސް ބަދަލުކޮށް، އޮންލައިން އަދި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރުން އިތުރުކޮށްފަ އެވެ.

ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލިފަހުން ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުންގެ މެދުގައި މަގުބޫލު މަންޒިލަކަށް ރާއްޖެ ވަނީ ވެފަ އެވެ. ބޯޑަރު ހުޅުވާލިފަހުން އިނގިރޭސިވިލާތުން ރާއްޖެއަށް އައި މިފަދަ މީހުންގެ ތެރޭގައި ޑެމީ ރޯސް، ކެޓީ ޕްރައިސް އަދި ނަތާލީ ލެފެވްރޭ ހިމެނެ އެވެ.

މިއަހަރުގެ މާޗު މަހު ބޯޑަރު ބަންދުކުރުމާ ހަމައަށް އިނގިރޭސިވިލާތުން 32،818 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ބޯޑަރު އަލުން ހުޅުވާލިފަހުން މިދިޔަ މަހުގެ ނިޔަލަށް 3،737 ފަތުރުވެރިން އައިސްފައިވެ އެވެ. މިއާއެކު އެގައުމު ވެގެން ގޮސްފައިވަނީ ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމަށެވެ.

comment ކޮމެންޓް