ސްލޮޓްތައް ބަދަލުކުރީ މަޝްވަރާއާއެކު، ކޯލިޝަން ދެމި އޮންނާނެ: ރައީސް

15 ނޮވެންބަރު 2018 : ކޯލިޝަންގެ ލީޑަރުން ހޮޓަލް ޖެންގައި ބައްދަލު ކުރެއްވުމައް ފަހު މީޑިއާއަށް މައުލޫމާތު ދެއްވުމުގެ ތެރެއިން -- ސަން ފޮޓޯ : އަޙުމަދު އަވްޝަން އިލްޔާސް

ކެބިނެޓްގެ މަގާމުތައް ދިނުމުގައި ކޯލިޝަންގައި ހިމެނޭ ޕާޓީތަކާ އެކު އެއްބަސްވެފައިވާ ގޮތަށް ބަދަލުގެނެސްފައި ވަނީ، ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ މަޝްވަރާއާއެކުގައި ކަމަށާއި، ސަރުކާރުގެ ފަސް އަހަރުވެސް އިއްތިހާދު ދެމި އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމަކަށް މިއަދު ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވަނީ ކޯލިޝަން ސަރުކާރެއް ހިންގެވުމާ ގުޅޭގޮތުން ތަފްސީލުކޮށް ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވީ، ކޯލިޝަން ލީޑަރުން އެކި މަސައްކަތްތަކުގައި ބުރަކޮށް އުޅެން ޖެހުމުންނާއި، ކޮވިޑް19 އާ ގުޅިގެން ހުރިހާ ލީޑަރުން އެއް ތަނަކަށް ހާޒިރުވެ، މަޝްވަރާ ބައްދަލުވުން ނުބޭއްވުނު ނަމަވެސް ވަކި ވަކި ލީޑަރުންނާ ފޯނުން ގުޅުއްވައި، އެމަނިކުފާނު މަޝްވަރާ ހޯއްދަވާ ކަމަށެވެ.

އެގޮތުން އެމްޑީޕީ، އެމްއާރްއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންގެ ފަރާތުން މަޝްވަރާއާއި ލަފާ ލިބޭ ކަމަށާއި، އެމަނިކުފާނު އަމިއްލަފުޅަށް އިސްނަންގަވައިގެން ވެސް ލީޑަރުންނަށް ގުޅުއްވައި ބައެއް ކަންކަމުގައި މަޝްވަރާ ހޯއްދަވާ ކަމަށެވެ.

"އެހެންވީމަ ކޯލިޝަން އޭގެ ޒާތުގައި ދެމި އެބަ އޮތް. އިރާދަކުރެއްވިއްޔާ މި ފަސް އަހަރު [ކޯލިޝަން] ދެމި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

"ކޯލިޝަން ސަރުކާރު ހިންގަން އުނދަގުލެއް ނޫން"

ކޯލިޝަން ސަރުކާރެއް ހިންގުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ބުނާ ވާހަކައާ ގުޅޭގޮތުން ވެސް ރައީސް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުގައި މިހާތަނަށް ވެސް މަސައްކަތް ކުރައްވާފައި ވާނީ ގިނަ މީހުންނާ މަޝްވަރާކުރައްވައިގެން ކަމަށެވެ. އަދި އެކަމުގައި ވާދަވެރި ފަރާތްތައް ވެސް އިސްތިސްނާ ނުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރި ގާތްގަނޑަކަށް ފަންސަވީސް އަހަރުގެ ތެރޭގައި އަޅުގަނޑާ މައްސަލައެއް އޮތް މެމްބަރެއް ދިމައެއް ނުވޭ، އަދި ސިޔާސީ ދާއިރާގައި ވެސް އަދިވެސް ހުރި ކަމަކަށް ގަބޫލެއްނުކުރަން،" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިހާތަނަށް ވެސް ސިޔާސީ މަސައްކަތް ކުރައްވާފައި ވަނީ އެމަނިކުފާނުގެ މިޒާޖާ އެއްގޮތަށް، ގިނަ މީހުންނާއެކު މަސައްކަތް ކޮށްގެން ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީން އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވީ އަދި ރައްޔިތުން އެމަނިކުފާނު ރައީސްކަމަށް އިންތިހާބު ކުރެއްވީ ވެސް، އެކަން އެނގޭތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކީ ވަކި މީހަކު ބާކީކޮށްފަ، ވަކި މީހަކު ދުރަށް ލާފަ ކަންތައްތައް ކުރާނެ މީހެއް ނޫން. އަބަދުވެސް ކަންތައްތައް ނިންމަމުން ދާނީ މަޝްވަރާކޮށްގެން. އޭގެ ތެރޭގައި އަޅުގަނޑުމެންނާ އެކީގައި ތިބި ފަރާތްތަކާއި ވަކިން ތިބި ފަރާތްތައް ހިމެނޭނެ. އެހެންވީމަ ކޯލިޝަނެއް ގޮވައިގެން ކުރިއަށް ދިއުމަކީ އަޅުގަނޑަކަށް އެހާ ދަތި ކަމަކަށް ނުވޭ،" ރައީސް ވިދާޅުވިއެވެ.

"ކެބިނެޓްގެ ސްލޮޓަތައް ބަދަލުކުރީ މަޝްވަރާއާ ރުހުމާއެކު"

ސަރުކާރަށް ދެ އަހަރު ވާން ދާއިރު، ހަތަރު މިނިސްޓަރަކު ވަނީ ބަދަލުވެފައެވެ. އަދި މިނިސްޓަރުން ބަދަލުވި އިރު، ތިން މިނިސްޓްރީއަކުން ކޯލިޝަން ޕާޓީތަކަށް ދީފައި ހުރި ސްލޮޓްތަކަށް ވެސް ވަނީ ބަދަލު އައިސްފައެވެ.

ރައީސް ވިދާޅުވީ ކޯލިޝަން ޕާޓީތަކަށް މަގާމުތައް ދިނުމުގައި އެއްބަސްވުމެއް އެބައޮތް ކަމަށާއި އެހެން ނަމަވެސް ބައެއް ހާލަތްތަކުގައި އެއްބަސްވެފައިވާ ގޮތަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

"އެއިން ކޮންމެ ފަހަރެއްގައި އަޅުގަނޑު ޑިޒިޝަން ނަގާފައި ވާނީ އެ ޕާޓީއެއްގެ ލީޑަރުންނާ ވާހަކަ ދައްކާފައި،" ރައީސް ވިދާޅުވިއެވެ.

އެގޮތުން އަދާލަތު ޕާޓީއަށް ދިން ޖެންޑާ މިނިސްޓްރީގެ ސްލޮޓް ބަދަލުކުރީ އެ ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ރުހުމާ އެކުގައި ކަމަށާއި، އެމްއާރްއެމްއަށް ދިން ހައުސިން މިނިސްޓްރީގެ ސްލޮޓް ބަދަލުކުރީ އެ ޕާޓީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމްގެ ރުހުމާއި އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ބަދަލުވި ނަމަވެސް، އެ ސްލޮޓް ދީފައި ވަނީ ކުރިންވެސް ސްލޮޓް ދީފައި އޮތް ޖުމްހޫރީ ޕާޓީއަށެވެ. ނަމަވެސް އެ ޕާޓީއަށް ދީފައި އޮތް ހެލްތު މިނިސްޓްރީގެ ސްލޮޓަށް ފަހުން އައްޔަންކުރީ އެމްޑީޕީގެ މެމްބަރެކެވެ.

ރައީސް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބޭނުންވެވަޑައިގަތީ އެ ސްލޮޓަށް ޖުމްހޫރީ ޕާޓީގެ ބޭފުޅަކު އައްޔަން ކުރުމަށް ކަމަށާއި، އަދި ރައީސަށް ނަންތަކެއްވެސް ފޮނުއްވި ކަމަށެވެ.

"ފޮނުވީމާ އަޅުގަނޑު އަނެއްކާވެސް ގާސިމް އާ ވާހަކަދެއްކިން. އަޅުގަނޑު ދެންނެވިން އަޅުގަނޑަށް މި ފުރުސަތު މިފަހަރު ދޫކޮށްލަދެއްވާށޭ. އެ ދާއިރާއަކީ ވަރަށް ކައިރިން އަޅުގަނޑު ބަލާ ބަދަލުތަކެއް ގެންނަން ޖެހޭ ދާއިރާއެކޭ. އެހެންވީމަ އަޅުގަނޑުގެ ޗޮއިސްއެއް މިކަމުގައި އަޅުގަނޑަށް ދެއްވާށޭ. ވިދާޅުވީ މައްސަލައެއް ނެތޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސްލޮޓް ދޫކޮށްލައްވަމުން، ގައުމުގައި ހުރި ކަންތައްތައް އިސްލާހުކޮށް ރައީސަށް މެނިފެސްޓޯ އެންމެ ރަނގަޅަށް ތަންފީޒުކުރެވޭ ގޮތަކަށް ކަންތައްތައް ރާވައިގެން ގެންދިއުމަށް ވިދާޅުވެ، ރައީސަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ މަގާމަށް ލުމުގެ ފުރުސަތު ގާސިމް ދެއްވި ކަމަށެވެ.

"އަޅުގަނޑަށް ފެނިގެން ދިޔައީ އޮނަރަބަލް ގާސިމް އިބްރާހިމް އެބޭފުޅާގެ އަމިއްލަ މަސްލަހަތާއި ޕާޓީގެ މަސްލަހަތަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވައި ގައުމުގައި ހުރި ކަންތައްތައް ހައްލުކުރެއްވުމަށް އިސްކަން ދެއްވި ވަރު. އެކަމަށްޓަކައި މިއަދުވެސް ގާސިމަށް ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ދާނީ ކޯލިޝަން އާއެކު، ކޯލިޝަން ލީޑަރުންގެ މަޝްވަރާއާ އި ރުހުމާ އެކުގައި ކަމަށެވެ.

"ކުރީގަ ވަކި ގޮތަކަށް އެއްބަސްވެފަ ހުރި ކަންތައްތައް ވެސް ބަދަލު ގެންނަން ޖެހިއްޖެ ހާލަތެއްގައި، މަސައްކަތްތައް ހަލުވިކޮށް ޑެލިވާ ކުރުމަށް ގެންނަޖެހޭ ބަދަލުތައް ގެނައުމަށް ކޯލިޝަންގެ ޕާޓްނަރުންގެ މަޝްވަރާއާ އެކީގައި ބަދަލު ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް