ޖުމްހޫރީ މައިދާނުން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލަން އަމުރުކޮށްފި

ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނުގައި މުޒާހަރާ ކުރި މީހުން ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށްވާތީ އެމީހުން ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އަމުރު ނެރުއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެމީހުން ހައްޔަރު ކުރަން ޖެހޭ ފަދަ އަމަލެއް ކުރިކަމަށް ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެމީހުން ހައްޔަރުކުރީ ކުށްކުރަނިކޮށް ފެނިގެން ނޫން ކަމަށްވާ އިރު އެމީހުން ހައްޔަރުކުރަން ޖެހޭނީ ކޯޓު އަމުރަކާ އެކު ކަމަށާއި ފުލުހުން އެމީހުން ހައްޔަރުކުރި އިރު ކޯޓު އަމުރެއް ހޯދާފައި ނުވާކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހުކުރު ނަމާދަށް ފަހު ޖުމްހޫރީ މައިދާނުގައި ކުރި މުޒާހަރާ އާ ގުޅިގެން ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް ގެންދިޔަ މީހުންނަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނާއިބް ރައީސް ޑރ. މައުރޫފް ހުސެއިން އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް އާއި ޖުމްހޫރީ ޕާޓީގެ އަމީން އާންމު ފުވާދު ގާސިމް އާއި 23 ޑިސެމްބަރު އިއްތިހާދުގެ އަބްދުﷲ މުހައްމަދު އާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަދި ޑީއާރުޕީގެ އެކްޓިވިސްޓް އަހުމަދު ޝަރީފް އެވެ.
މީގެ އިތުރުން ޔޫތު މިނިސްޓަރު ހަސަން ލަތީފްގެ ގެ، ހ. ސީވިޑް ގޭގެ ބިއްލޫރި ގަނޑެއް ތަޅާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ނާޒިމް ދޫކޮށްލުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ދޫކޮށްލުމަށް އަމުރު ކުރީ ވެސް އޭނާ ހައްޔަރު ކުރަންޖެހޭ ފަދަ އަމަލެއް ކުރިކަމަށް ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

ފުލުހުން ހައްޔަރު ކުރި ހަތް މީހުންގެ މައްޗަށް ކުރާތުހުމަތަކީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްއެމްއޭ ސަރަހައްދުގައި ކުރި މުޒާހަރާގައި ފުލުހުންގެ ސަފުތައް ރޫޅާލުމަށް ހިތްވަރުލިބޭ ފަދަ ގޮތަކަށް މުޒާހަރާގެ ބައިވެރިން ވާހަކަ ދައްކާފައި ވުމާއި ހަމައެރޭ އެމްއެމްއޭގެ ބިއްލޫރިގަނޑެއް ތަޅާލުމާއި ރައްޔިތުންނާއި ސަރުކާރުގެ މުދަލަށް ގެއްލުންދިން ކަމުގެ ތުހުމަތެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ހުކުރުން ފައިބައިގެން ޖުމްހޫރީ މައިދާނުގައި މުޒާހަރާކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅޭފަދަ ގޮތަކަށް އެމީހުން އަމަލުކޮށްފައިވާ ކަމަށެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ އެމީހުން ހުކުރު ނަމާދަށް ފަހު މުޒާހަރާކުރީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގެ ހުދޫދުން ބޭރުން އެއްވެއުޅުމާ ބެހޭ ގަވާއިދުގެ ދަށުން މުޒާހަރާ ކުރުން މަނާސަރަހައްދެއްގައި ކަމަށެވެ.

ގާނޫނު އަސާސީ އަށް ވުރެ ކުރިން ހަދާފައިވާ ގަވާއިދަކާއި ގާނޫނު އަސާސީ އާއި ދޭތިންކުރެ ބާރުގަދަވާނީ ކޯޗެއްތޯ ކްރިމިނަލް ކޯޓުގެ ގާޒީ އެއްސެވުމުން ފުލުހުން ބުނީ ބާރުގަދަ ވާނީ ގާނޫނު އަސާސީ ކަމަށެވެ.
އެމީހުންގެ ގާނޫނީ ވަކީލުން ބުނީ ހުކުރު ނަމާދަށް ފަހު ކުރި މުޒާހަރާއާ ގުޅިގެން 26 މީހަކު ފުލުހުން ހައްޔަރުކުރިއިރު ބާކީ ތިބި މީހުން ދޫކޮށްލުމަށް ފަހު އެތަނުން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރަން ގެނައުމީ ސުވާލު އުފެދޭ ކެމެއް ކަމަށެވެ.

މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން ފުލުހުން ބުނީ ދޫކުރި މީހުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ އެއްތުހުމަތެއްކަމަށާއި ފުލުހުން އެމީހުން ދޫކޮށް ކޯޓަށް ހާޒިރުކުރީ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މީހުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު