އެންމެ އިސްކަން ދޭނީ ދީނީ އެއްބަވައިތަކަމާއި ގައުމުގެ މިނިވަންކަން ކަށަަވަރުކުރަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ރައީސްކަމުގައި ހުންނަވާ ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

މި ސަރުކާރަށް ދެ އަހަރު ފުރެންދާއިރު، މި ސަރުކާރުން ރާއްޖެ ވިއްކާލާފައިވާ ކަމަށާއި، އަދި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ސަރުކާރުންދަނީ އިހުމާލުވަމުން އަންނަ ކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

"މިއަދުގެ މި އުފާވެރި މުނާސަބަތުގައިވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަގީންކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުންވާ ދެ ކަމެއް އެބަ އޮތް. އެއީ އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު، އެންމެ ބޮޑު ސަމާލުކަމެއް ދޭނެ ދެ ކަންތައް. އެއީ ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ހައްގުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށާއި ރައީސްކަމާއި ހަވާލުވުމަށް ފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ހައްގުތަކަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ މިނިވަންކަމެވެ.

"ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ހައްގުތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ގައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް ކަމަށާއި
އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ހަގީގަތް ހާމަކުރުމަށް އިސްކަން ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ކުރި އިތުބާރާއެކު، ވެރިކަމާ ހަވާލުވެ، ވައުދުތައް ފުއްދުމުގެ އަމަލީ މަސައްކަތް ފަށައިގަތީ، ވަރަށް ފުރިހަމަ ރޭވުންތެރިކަމެއްގެ ދަށުން ކަމަށެވެ.

ނަމަވެސް ކޮވިޑް19 ގެ ސަބަބުން ހުރިހާ ކަމަކަށް ހުރަސް އެޅިގެން ދިޔަ ކަމަށާއި، އަދި ކޮވިޑް ވެގެންގޮސްފައި ވަނީ ހަމައެކަނި ބަލިމަޑުކަމަކަށް ނޫން ކަމަށާއި މިއީ މީގެ ކުރިން މުޅި ދުނިޔެވެސް ތަޖުރިބާ ނުކުރާ އަދި ރާއްޖެ ދުވަހަކުވެސް ތަޙައްމަލުނުކުރާ ފަދަ، އިގްތިސޯދީ ވަރަށް ބޮޑު ކާރިސާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ތަރައްގީގެ މަޝްރޫއުތަކުގެ އިސްކަންދޭ ތަރުތީބަށްވެސް ބަދަލުގެންނަން ޖެހުނު ކަަމަށާއި ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެން ވިޔަސް، ސަރުކާރުގެ މަގުސަދަކަށްވީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، އަސާސީ ހިދުމަތްތަކަށާއި ރައްޔިތުންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަމަށް، އެއްވެސް ހީނަރުކަމެއް އަޔަނުދީ، ގައުމު ހިންގަމުން ދިޔުން ކަމަށެވެ.

"ކޯވިޑް19އާ ދެކޮޅަށް މަސައްކަތްކުރަމުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން މިއައީ، ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަކިނުކޮށް، އަދި އެއްވެސް މުވައްޒަފެއްގެ މުސާރަވެސް ކުޑަނުކޮށް. އަދި ވަޒީފާ ގެއްލުނު މީހުންނަށް އެހީތެރިވުމާއެކު، ވިޔަފާރިތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ވެސް ކާޑުގެ ބާވަތްތަކާއި ކެއިންބުއިމަށް ބޭނުންވާ އަސާސީ ތަކެތި ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ވަސީލަތްތައް ލިބުމުގައިވެސް، ރައްޔިތުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާ ވަރުގެ ބޮޑު ދަތިކަމަކާ ކުރިމަތި ނުވާ ކަމަށެވެ.

ރައީސް ވަނީ ކޮވިޑް19 މިވަގުތު ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވަނީ، ރާއްޖޭގެ ސިއްހީ ހިދުމަތްތެރިންނާއި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް ތަންފީޒުކުރުމުގައި، ރައްޔިތުން ދިން އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުންކަން ފާހަގަކުރައްވައި އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ.

ނަމަވެސް އެ ކާމިޔާބީ ދަމަހައްޓައި ރާއްޖެއިން ބަލި ނައްތާލެވޭނީ
އެޗްޕީއޭގެ ލަފަޔާއި އިރުޝާދުތަކާ އެއްގޮތަށް، ރައްޔިތުންގެ އަމަލުތައް ބަހައްޓައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމަށެވެ.

ބަލީގެ ސަބަބުން ލިބެމުންދާ އިގްތިސޯދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށް ވުރެ ބޮޑެތި ގެއްލުންތަކެއް ކަމަށާއި އެހެންކަމުން، ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިގްތިސޯދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް
ވަކިވަކި ފަރުދުންގެ އިގްތިސޯދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫއުތަކަށާއި އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް19 އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް، ތަރައްޤީގެ މަޝްރޫއުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަން ދޭކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ގައުމީ ތަރައްގީގެ 372 މަޝްރޫއެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫއެއް މިހާރުވެސް ހިނގަމުން އަންނަ ކަމަށާއި، އިތުރު 156 މަޝްރޫއެއް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ އަދަދެއްގެ މަޝްރޫއުތަކެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ލިބުނު އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އެއް އިސްކަމެއްދޭނީ މީހުން ބިނާކުރުމަށް ކަމަށެވެ.

އެގޮތުން، އަންނަ އަހަރު ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތައުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިސްކަންދެވި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްގީކޮށް، ޖޫނިއާ ކޮލެޖް ގާއިމްކުރުމަށާއި، ޕޮލިޓެކްނިކްގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ސަރުކާރުން ފެށި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދީފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯންގެ ލުއިތަކާ އެކު، 23 ގައުމެއްގައި، 1082 ދަރިވަރަކު މަތީ ތައުލީމް ހާސިލްލްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަގުވާމީ މުޖްތަމައާއެކު ގާތް ގުޅުމެއް އުފެދިގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ގިނަ މާލީ އެހީތަކެއްވެސް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިޖްތިމާއީ ހަމަޖެހުމަށް ބަލާއިރު، މީގެ ދެ އަހަރު ކުރިން، ރާއްޖޭގެ ރައްޔިތުން ތިބީ، ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި. މާރާމާރީ އާއި ގޭންގު ކުށްތައް އިތުރުވެ، ސިޔާސީ ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން، އިޖްތިމާއީ ހަމަޖެހުން އޮތީ މުޅިންހެން ގެއްލިފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންނާ އަންހެނުންނަށް ކުރާ ތަފާތު އަނިޔާގެ ވާހަކަ މިހާރު ހަރު އަޑުން ދެކެވޭ ކަމަށައި، ކޮރަޕްޝަންގެ ވާހަކަތައް ހާމަކުރަމުން އަންނަނީ އެފަދަ މައްސަލަތައް ރިޕޯޓްކޮށް ޝަކުވާ ހުށަހެޅޭނެ އިތުބާރު ހުރި ނިޒާމެއް މި ސަރުކާރުން ގާއިމުކޮށްދިނުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ޔަގީންކޮށް އަރުވަން ބޭނުންވަނީ، އެއްވެސް ނުފޫޒެއް ނެތި މިފަދަ މައްސަލަތައް ބެލޭނެ ފުރިހަމަ ނިޒާމެއް ސަރުކާރުން ގާއިމުކޮށްދޭނެކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެރިކަމުގެ ތިން ވަނަ އަހަރަކާ ކުރިމަތިލަނީ އިގްތިސޯދީ ގޮތުން، ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ދެނެތިބެ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ، ވަރަށް މުހިންމު ރޭވުންތަކަކާ އެކު ކަމަށެވެ.

އެހެންކަމުން އަންނަ އަހަރުގެ ތެރޭގައިވެސް، ގައުމީ ތަރައްގީއާ ގުޅޭ ހުރިހާ ދާއިރާތަކުން، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ތެރޭގައި ފަސް ޓާޝަރީ ހޮސްޕިޓަލްގެ ފައިދާ ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށާއި އިގްތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

"މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްގީކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

ބޯފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނުފެށި ހުރި ރަށްރަށުގައި، އަންނަ އަހަރު އަމަލީ މަސައްކަތް ފެށި، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމްގެ ހިދުމަތް ގާއިމްކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް، ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ހިދުމަތް، އަންނަ އަހަރުގެ ތެރޭގައި، އަތޮޅުތަކުގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމުގައި، ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ، ބައިނަލްއަގުވާމީ މުބާރާތްތަކަށް އަމާޒުކޮށްގެން، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރާއިރު، އަމާޒުން މާލެ ކައްސާލައިގެނެއް ނުދާ ކަމަށާއި ކުރިއަށް އޮތް އަހަރު އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފަށާނެ ކަމަށް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާ ހަރުދަނާކޮށް ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވިއެވެ.

comment ކޮމެންޓް