އެމެރިކާގެ ރައްޔިތުން މާސްކު އަޅަން ބައިޑަން އިލްތިމާސްކުރައްވައިފި

އެމެރިކާގެ ރައީސްކަމަށް އިންތިހާބްވި ޖޯ ބައިޑެން ނާއިބު ރައީސް ކަމާލާ ހޭރިސްއާއެކު ---

އެމެރިކާގެ ހުރިހާ ރައްޔިތުންވެސް މާސްކު އަޅައިގެން އުޅުމަށް އެގައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑެން އިލްތިމާސްކުރައްވައިފިއެވެ.

ޖޯ ވިދާޅުވީ ކުރިއަށް އޮތީ ފިނި މޫސުންކަމަށް ވުމާއެކު އޭގެ ނުރައްކާ ވަރަށް ބޮޑު ވެދާނެ ކަމަށެވެ.

އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރައިފައިވާއިރު ބަލީގައި 240،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ޖޯ ވިދާޅުވީ މިއި ގައުމީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަމަށާއި އަދި ބައިބައިވުންތައް ނައްތާލަން ޖެހޭ ކަމަށެވެ.

"ތިބޭފުޅުން ވޯޓު ކޮންމެ ބޭފުޅަކަށް ދެއްވިޔަސް އެއީ މައްސަލައެއް ނޫން. ތިބޭފުޅުން މާސްކު އަޅައިފިނަމަ އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނެ،" ޖޯ ވިދާޅުވިއެވެ.

އެމެރިކާގެ އިންތިހާބު ޖޯ އަދި އޭނާގެ ރަނިން މޭޓު ކަމަލާ ހެރިސް ކާމިޔާބުކުރެއްވިކަން ކަށަވަރުވެފައިވީ ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ނަތީޖާއަށް ގޮންޖައްސަވައި، ނަތީޖާ ގަބޫލުކުރުމަށް ދެކޮޅު ހައްދަވަމުންނެވެ.

އެހެން ނަމަވެސް ޖޯ ގެންދަވަނީ އޭނާގެ ބެލުމުގެ ދަށުން އުފެދޭ ސަރުކާރަކަށް ބާރުތައް ބަދަލުކުރުމަށްޓަކައި އުފައްދަންޖެހޭ ޓްރާންސިޝަން ކޮމިޓީތަކާއި ޓަސްކްފޯސްތައް އުފައްދަވަމުންނެވެ. އެގޮތުން ޖޯ ވަނީ ކޮވިޑް19 ޓާސްކްފޯހެއްވެސް އުފައްދަވާފައެވެ.

އިންތިހާބު ކާމިޔާބުކުރެވުނުކަން ޔަގީންވުމާއެކު ޖޯ ދެއްވި ތަގުރީރުގައިވެސް ވަނީ އެންމެ އިސްކަން ދީގެން ކުރާނެ އެއް މަސައްކަތަކީ އެމެރިކާގައި ކޮވިޑް19 ކޮންޓްރޯލުކުރުމުގެ މަސައްކަތް ކަމަށެވެ.

"ސައިންސްވެރިންނާއި މާހިރުންގެ މައްޗަށް ބިނާވާ ޓްރާންސިޝަން އެޑްވައިޒަރުންގެ ޓީމެއް އަޅުގަނޑު އެކުލަވާލާނަން. އެއީ އަޅުގަނޑުމެންގެ ކޮވިޑް ޕްލޭން، 20 ޖެނުއަރީ 2021 ވާ ދުވަހު ފަށާނެ އެކްޝަން ބްލޫޕްރިންޓަކަށް ބަދަލުކުރުމަށްޓަކައި. މި ޕްލޭން އެކުލަވާލެވޭނީ ސައިންސްގެ މައްޗަށް. އަދި އޯގާތެރިކަމާއި އަޅާލުމުގެ މައްޗަށް،" މިދިޔަ އާދީއްތަ ދުވަހު ޖޯ ދެއްވި ތަގުރީރުގައި ވިދާޅުވިއެވެ.

ކޮވިޑާ ދެކޮޅަށް މިހާުވެސް ދުނިޔޭގެ އެކި ފާމަސޫޓިކަލް ކުންފުނިތަކުން ދަނީ ވެކްސިން އުފައްދަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައު ފައިޒާ ކުންފުނިވެސް ހިމެނެއެވެ. އެ ކުންފުނީގެ އެންމެ ފަހުގެ ތަހުލީލްތަކުން ދައްކާގޮތުން ކޮވިޑާ ދެކޮޅަށް އުފެއްދި ވެކްސިންގެ 90 ޕަސެންޓް ކާމިޔާބެވެެ.

ފައިޒާއިން މިހާރު މަސައްކަތް ކުރަމުންދަނީ މި މަހު އެ ވެކްސިނަށް ހުއްދަ ހޯދަން އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހުށަހަޅާށެވެ.-- އިންޑިޕެންޑެންޓް--

comment ކޮމެންޓް