ރެސިޑެންޓް ވިސާއާއެކު ހާއްސަ އިނާޔަތްތަކެއް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން: އިކޮނޮމިކް

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޕަރޭޓް ރެސިޑެންޓް ވިސާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ގޮތުގައި ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ތައާރަފްކުރުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިންޓް ވިސާ ދޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އެ އިސްލާހާ ގުޅިގެން ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރުމާބެހޭ ގޮތުން ހިމަނާފައިވާ މާއްދާގެ މާނަ އޮޅޭ ގޮތަށް އާންމުންގެ ތެރޭގައި ހަގީގަތާ ހިލާފު މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކޯޕަރޭޓް ރެސިޑެންޓް ވީޒާ ދޫކުރުމާބެހޭ ގަވާއިދު އެކުލަވާލައި ގެޒެޓުކޮށްފައިވަނީ، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއިން 27 އޭޕްރީލް 2015 ގައި ކަމަށެވެ.

އަދި އެ ގަވާއިދާއެކު، ކޯޕަރޭޓް ރެސިޑެންޓް ވިސާއާއި ގުޅުވައިގެން އިނާޔަތްތަކުގެ ތެރޭގައި، ޑިއުޓީ ފްރީ، ޓެކްސް ފްރީ، ފާސްޓް ޓްރެކް ސާވިސް ފަދަ ހިދުމަތްތައް ޕްރޮމޯޓުކުރަމުން އޭރު ދިޔަ ކަމަށެވެ.

"އިސްވެ ދެންނެވުނު ފަދަ އިނާޔަތްތައް، ކޯޕަރޭޓް ރެސިޑެންޓް ވީޒާއާއި ގުޅުވައިގެން ދިނުމަކީ، މި ސަރުކާރުގެ ވިސްނުމެއް ނޫންކަން އާންމުންނަށް އޮޅުން ފިލުވައިދިނުމަށް ބޭނުންވެއެވެ." މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވިސާ ދޫކުރާނީ، އެ އިސްލާހުގައި ބަޔާންކުރާ ގޮތުގެ މަތިން، އެ ގާނޫނުގެ ދަށުން ރަޖިސްޓްރާ އޮފް ބިޒްނަސަސް އަލަށް އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްތަކަށާއި، ރާއްޖޭގެ ބޭންކެއްގައި ނުވަތަ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން، މަދުވެގެން 250,000 އެމެރިކާ ޑޮލަރު ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް އަލަށް އެކުލަވާލާ ގަވާއިދުގެ ދަށުން، ކޯޕަރޭޓް ރެސިޑެންޓް ވިސާ ފަސް އަހަރުން އާކުރެވޭނެ ގޮތަކަށް ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެއެވެ.

އެ އިސްލާހަށް އަމަލުކުރަން ފެށުމުން، ރާއްޖޭގައި އިންވެސްޓުކޮށްފައިވާ ފަރާތްތަކުން، ޓޫރިސްޓު ވިސާގައި އައިސް ވިޔަފާރިއާބެހޭ ކަންތައްތައް ކުރުމުގެ ބަދަލުގައި، ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން، ކޯޕަރޭޓް ރެސިޑެންޓް ވިސާގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ހުއްދަ ދޫކުރެވޭނެއެވެ.

އަދި، ކުރިއެކޭ އެއްގޮތަށް، ރާއްޖޭގައި، އަލަށް ވިޔަފާރިކުރުމަށް އެދޭ ކޮންމެ ފަރާތަކުންވެސް، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓާބެހޭ ގާނޫނުގެ ދަށުން ހުއްދަ ހޯދައި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގެ ދަށުން، ވިޔަފާރި ރަޖިސްޓަރީކުރުމަށް ލާޒިމުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވީމާ، ދިވެހިރައްޔިތުންގެ އިންވެސްޓްމަންޓްތަކަށް ހިޔަނި އެޅޭފަދަ ގޮތަކަށް ސަރުކާރުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ތައާރަފުކޮށްފައިވާ ކަމަށް ބުނެ، މައުލޫމާތު ދެމުންދާތީ، ކޯޕަރޭޓް ރެސިޑެންޓް ވިސާއާބެހޭ ސައްހަ މައުލޫމާތު އާންމުންނާއި ހިއްސާކުރުމަށް އިލްތިމާސްކުރަމެވެ."

ކޯޕަރޭޓް ރެސިޑެޓް ވިސާގެ ގަވާއިދު ބުނާ ގޮތުން، މިހާރު ކޯޕަރޭޓް ރެސިޑޭންޓް ވިސާ ދެނީ މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާ ފަރާތަކަށެވެ. އަދި ވިސާގެ މުއްދަތަކީ އެ އިންވެސްޓުމަންޓުގެ މުއްދަތެވެ. ނުވަތަ އެއް މިލިއަން ޑޯލަރު ރާއްޖޭގެ ބޭންކެއްގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ބަހައްޓާ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ވިސާ ދިނުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

comment ކޮމެންޓް