އަކުރަމް މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް މަޖިލީހުން ބަލަނީ

އަކްރަމް: އޭނާއަށް ތުހުމަތު ކުރެވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ ނައިބު އަހްމަދު އަކްރަމް ކޮމިޝަންގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ބަލަން ފެށީ މިދިޔަ ހަފްތާއިން ފެށިގެންނެވެ. އެ ބައްދަލުވުންތައް ބާއްވަނީ ސިއްރުކޮށްގެންނެވެ.

ބައްދަލުވުންތަކަށް އެޖެންޑާކޮށްފައި ވަނީ އެ ކޮމިޝަނަށް ލިބިފައިވާ ސިއްރު ސިޓީތަކެއްގެ މައްސަލަ އެވެ.

ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމް "ސަން"އަށް ވިދާޅުވީ ކޮމިޓީ ބައްދަލުވުންތައް ސިއްރު ކުރީ އެ ކޮމިޓީއަށް ލިބިފައިވާ ސިއްރު ސިޓީތަކެއް ބަަލަމުންދާތީ ކަމަށެވެ. އެކަމާ ގޫޅޭ އިތުރު ތަފްސީލެއް ރޮޒައިނާ ނުދެއްވަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކޮމިޓީން ބަލަަނީ އަކްރަމް މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލަތަކެކެވެ. އެނގިފައިވާ ގޮތުގައި ވަރަށް ގިނަ މުވައްޒަފުންނަށް އަކްރަމް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.

މި މައްސަލައާ ގުޅިގެން ކޮމިޓީން އަންނަނީ ކޮމިޝަންގެ ބައެއް މުވައްޒަފުންނާ ވެސް އިންޓަވިއު ކުރަމުންކަން އެނގިފައިވެ އެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ 25 ސިކުންތު އޮތީ މަޖިލީހުން ލައިވްކޮށްފައެވެ. ކޮމިޓީ ބައްދުލުވުމުން ލައިވް ކުރި 25 ސިކުންތުން އަޑު އިވެނީ ދެ އޯޑިއޯއެއް ލިބިފައިވާކަމަށް މުގައްރިރު އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވާ އަޑެވެ. އެ ހިސާބުން ލައިވް ފީޑު މެދުކެނޑުމުން އެ އޯޑިއޯތަކާ ބެހޭ މައުލޫމާތު ސާފެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު އަކްރަމް މިއަދު "ސަން"އަށް ވިދާޅުވީ އެފަދަ އެއްވެސް ޒާތެއްގެ ކަމެއް މުވައްޒަފަކާ މެދުވެސް އަދި އެހެން ފަރާތަކާ މެދުވެސް ކޮށްފައި ނުވާނެ ކަމަށެވެ.

އަކްރަމް ކޮމިޝަންގެ މެމްބަރުކަމަށް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗް މަހު އެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ 72 މެމްބަރުންގެ ވޯޓާއެކު އެވެ.

އެޑިޓަރުގެ ނޯޓު: މި ޚަބަރުގެ ފަސްވަނަ ޕެރެގްރާފުގައި ކުރިން "ޖިންސީ ގޯނާ" ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ "ޖިންސީ ފުރައްސާރަ" ކަމުން މިހާރު މި ޚަބަރު ވަނީ އެގޮތަށް އިސްލާހުކުރެވިފައެވެ.

comment ކޮމެންޓް