އޮކްޓޯބަރު މަހު އާމްދަނީ އަށް 390 މިލިއަން

އެއާޕޯޓު ތަރައްގީގެ މަޝްރޫއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އޮކްޓޯބަރު މަހު އާމްދަނީގެ ގޮތުގައި މީރާ އަށް 390.57 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 390.57 މިލިއަން ރުފިޔާގެ ތެރޭގައި ޑޮލަރުން ލިބުނު 4.68 މިލިއަން ޑޮލަރު ހިމެނެ އެވެ.

މިއަހަރުގެ އޮކްޓޯބަރު މަހު މީރާ އަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މިއްދަތާ އަޅާބަލާއިރު 57.9 ޕަސެންޓް މަދު އަދަދެކެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޮވިޑް19 ގެ ސަބަބުން އިގްތިސޯދަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް މަދުވުމެވެ. މީގެ އިތުރުން ޓޫރިޒަމް ދާއިރާ އިން ލިނުނު ޓީޖީއެސްޓީ އާއި ގްރީން ޓެކްސް މަދުވުމަކީ ވެސް އާމްދަނީ ދަށްވި ސަބަބެއް ކަމަސް ބުނެފައިވެ އެވެ.

މީރާ އަށް މިދިޔަ މަހު ލިބުނު އާމްދަނީގެ 63.3 ޕަސެންޓަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 247 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ދެވަނަ އަސް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައެވެ. ޖުމްލަ އަމްދަނީގެ 13.4 ޕަސެންޓަކީ އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން 52.3 މިލިއަން ރުފިޔާ އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ލިބިފަިއވެ އެވެ.

ބީޕީޓީގެ ގޮތުގައި 20 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ޖުމްލަ އާމްދަނީގެ 5.2 ޕަސެންޓެވެ. ރެޒިޑެންޓް ޕާމިޓްގެ ގޮތުގައި މިދިޔަ މަހު 18.5 މިލިއަން ރުފިޔާ ލިބުނު އިރު ވެހިކަލް ފީގެ ގޮތުގައި 9.3 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެ އެވެ.

މިދިޔަ މަހު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 9.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ހިސާބުތައް ދައްކަ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓްފީގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 3.9 މިލިއަން ރުފިޔާ މިދިޔަ މަހު ލިބިފައިވެ އެވެ.

comment ކޮމެންޓް