ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި 9 މީހުންގެ ނަން ކޮމިޓީއަށް

ޓެކްސް އެޕީލް ޓްރައިބިއުނަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލީ ނުވަ މީހުންގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލިހަށް ފޮނުއްވައިފި އެވެ. އެއާއެކު މިއަދު މަޖިލިސް ޖަލްސާގައި ވަނީ އެ ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ޓެކްސް އެޕީލްގެ މެމްބަރުކަމަށް ހުޅުވާލީ މިމަހު 28 ވަނަ ދުވަހު އެ އިދާރާގެ ފަސް މެމްބަރުންގެ ދައުރު ހަމަވާތީއެވެ.

ރައީސް ސޯލިހް މަޖިލީހަށް ފޮނުވި ސިޓީގައި ބުނީ، މެމްބަރުކަމަށް ހުޅުވާލުމުން ކުރިމަތިލީ ނުވަ މީހުން ކަމަށެވެ.

ރައީސް ފޮނުވި ނަންތައް ތަރުތީބުން:

  1. ހަސަން ޒުހައިރު މުހައްމަދު، ގ. މާވާރުލު
  2. ނަސްރުﷲ ޖަމީލް، ނަލަމަލަ/ ލ. މާވަށް
  3. މުހައްމަދު މުނައްވަރު އަލީ، ވެސްޓްބީޗް/ އއ. މަތިވެރި
  4. ފާތިމަތު މިންހަތު އިއްޒަތު/ ގ. ގޮފި
  5. އައިމިނަތު ފަރީޝާ، ވައިލެޓް ފެހި/ ގދ. ހޯނޑެއްދޫ
  6. އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
  7. ހުސައިން ޒައިދާން ޖަލީލް، މ. ފާމުދޭރިގެ
  8. އަހްމަދު ސަލާހު، އިރުވާކޮޅުގެ/ ތ.އޮމަދޫ
  9. އަހްމަދު އަޝްރަފް/ ދަފްތަރު ރސ 4883

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލްއަށް މެމްބަރުން އައްޔަނުކުރަނީ މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރެއިން މަދުވެގެން ދެ މެމްބަރުންނަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކޮށް، މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ލިބިފައިވާ ނުވަތަ ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ މެމްބަރުން ކަމުގައިވާން ޖެހެއެވެ.

comment ކޮމެންޓް