އަނެއްކާވެސް ގޫގަލްގެ ބެލޫނެއް ރާއްޖެއަށް ވެއްޓިއްޖެ

އެ ބެލޫން މިފަހަރު ވެއްޓިފައިވަނީ ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް --- ފޮޓޯ : އެމްއެންޑީއެފް

ދުނިޔޭގެ ރޫރަލް އަދި ރިމޯޓް ސަރަހައްދުތަކަށް އިންޓަނެޓް ފޯރުކޮށްދިނުމަށްޓަކައި ގޫގަލް އިން ބޭނުންކުރާ "ލޫން ޕްރޮޖެކްޓް"ގެ ބެލޫން އެއް އަނެއްކާ ރާއްޖޭގެ ކަނޑަށް ވެއްޓިއްޖެ އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގައިވެސް ވަނީ ރާއްޖެއަށް ލޫން ޕްރޮޖެކްޓްގެ ބެލޫންއެއް ވެއްޓިފަ އެވެ. އެ ވެއްޓިފައިވަނީ ގދ. އަތޮޅު އެތެރެވަރިން ނަޑެއްލާ އާއި މަޑަވެއްޔާ ދޭތެރެއަށެވެ.

އެމްއެންޑީއެފް އިން މިއަދު ބުނެފައިވަނީ އެ ބެލޫން މިފަހަރު ވެއްޓިފައިވަނީ ގދ. އަތޮޅު ކަނޑާ ގާތް ސަރަހައްދަށް ކަމަށެވެ. އެގޮތުން މިއަދު އެ ބެލޫން ވެއްޓިފައިވަނީ ގދ. ވާދޫގެ ހުޅަނގުން އައްޑޫ ކަނޑަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ ހެނދުނު 8:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނީ، ބެލޫން ވެއްޓުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ އޮޕަރޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިން ދިޔައީ މޮނިޓާކުރަމުން ކަމަށެވެ.

ރާއްޖޭގައި ތިބޭ ގޫގަލްގެ އޭޖެންޓުންނާ، އެ ބެލޫން ހަވާލު ކުރުމަށްޓަކައި މަސައްކަތްތައް މިހާރު ކުރަމުން ގެންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

comment ކޮމެންޓް