މުވައްޒަފު އެޅި ވޭން ރިކޯޑްކޮށް މެނޭޖަރަށް ފޮނުވި، އިހުމާލު ބޮޑު: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު -- ފޮޓޯ/ މަޖިލިސް

ދ. ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، އާދަމް ނަސީރު އެޅި ވޭން ރެކޯޑްކޮށް އެތަނުގެ މެނޭޖަރަށް މުވައްޒަފުން ފޮނުވި ކަމަށާއި އެ މައްސަލައިގައި ރިސޯޓުގެ އިހުމާލު ބޮޑު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވެއްޖެ އެވެ.

ކުޑަހުވަދޫ ދާއިރާ ހިމެނޭ ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވެފައިވަނީ، ކަނޑިންމަ ރިސޯޓުގެ މެނޭޖްމަންޓުގެ ފަރުވާކުޑަކަމުންކަން އާއިލާއިން ތުހުމަތު ކުރެއެވެ. އެހެން ކަމުން އޭނާގެ މަރުގެ މައްސަލައަށް އިންސާފު ހޯއްދައި ދެއްވުމަށް ދައުލަތުގެ މުއައްސާސަތަކަށް ގޮވާލައި، މެމްބަރު އާމިރު މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން އާމިރު ވިދާޅުވީ، އާދަމް ނަސީރު ބަލިވެ އުޅޭތީ އެކަން ރިސޯޓުގެ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނައުމަށް އެތަނުގެ މުވައްޒަފުން ތަފާތު އެކި ގޮތަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ރިސޯޓުން އިހުމާލުވެފައިވާކަން އޭނާއަށް ލިބިފައިވާ ހެކިތަކުން އެނގޭކަމަށް އާމިރު ވިދާޅުވިއެވެ.

"އޭނައާއެކު [އާދަމް ނަސީރާއެކު] އެއްކޮޓަރިއެއްގައި ނިދަމުން ދިޔަ މީހުން، އޭނާ ވޭން އަޅަމުން ދާތީވެ، އެކަމުގެ ބިރުވެރިކަން އިހުސާސް ކުރެވިގެން އެ އަޑު ރިކޯޑުކޮށް، މެނޭޖަރަށް ފޮނުވުމުންވެސް އަޅާނުލިކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައިވޭ. އެ އޯޑިއޯތަށްވެސް އަޅުގަނޑުމެންގެ އަތުގައި އެބަހުރި،" އާދަމް ނަސީރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، އެކަން އާދަމް ނަސީރުގެ ދޮށީ ދަރި ދ. އަތޮޅު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންވެސް ފުރަތަމަ އަޅާނުލި ކަމަށެވެ.

"ދ. އަތޮޅު ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުން އާދަމް ނަސީރުގެ ދޮށީ ދަރި ފުރަތަމަވެސް މާޔޫސްކޮށްލި. ތިގޮތަށް ތި މައްސަލަ ހުށަނޭޅޭނޭ ކިޔާ ޖަވާބުދީ، ފޮނު ކަނޑާލުމަށްފަހު އަނެއްކާ ފަހުން މެސެޖްކޮށްފައި [އެންގީ] ވެރިޔަކު ވިދާޅުވެއްޖެއޭ ތި މައްސަލަ ހުށައެޅޭނެއޭ ބަޔާނެއް ނަގާނަމޭ. އަދިވެސް އޭނަގެ އެއްވެސް ބާޔާނެއް ނުނަގާ،" އާދަމް ނަސީރުގެ ދޮށީ ދަރިއާ ހަވާލާދީ އާމިރު ވިދާޅުވިއެވެ.

"އެހެންވީމަ މިހާ ނިކަމެތިކޮށް މިކަމުގައި އިހުމާލުވެފައިވާކަން މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ،"

އާމިރު ވިދާޅުވީ، މިފަދަ ކަމެއް ދެވަނަ މީހަކަށް ދިމާވުމުގެ ކުރިން އެފަދަ މައްސަލަތައް ދައުލަތުގެ މުއައްސަސާތަކުގެ ލެވެލްގައި ހައްލުވުމަކީ އާއިލާއިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

"އާއިލާއިންވެސް ގަބޫލު ކުރޭ އާދަމް ނަސީރު ދެން ދުނިޔެއަށް ނުގެނެވޭނެކަން. އެހެން ނަމަވެސް މިކަން ހިނގާފައިވަނީ ބައެއްގެ އިހުމާލުން ކަމަށްވާތީވެ، އެކަން އަދުލުވެރިކަމާއެކު ބަލައިދިނުމަކީ މިއަދު އާއިލާގެ ވަރަށް ބޮޑު އާދޭހަކަށްވާތީވެ، އެކަން އަޅުގަނޑަށް ހުށަހެޅުމުން މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް މި ގެނައީ،" އާދަމް ނަސީރު ނިސްބަތްވާ ދާއިރާގެ މެމްބަރު އާމިރު ވިދާޅުވިއެވެ.

އާމިރު އެދިވަޑައިގެންނެވީ، އެ މައްސަލަ ތަހުގީގުކޮށް، އެފަދަ ދެވަނަ ކަމެއް ނުހިނގާނެ ގޮތަށް ދައުލަތުގެ މުއަސަސާތަކުން މަސައްކަތް ކުރަމަށެވެ.

އެޗްޕީއޭގެ ފަރާތުން އެ މައްސަލަ ބެލުމަށްފަހު، ފުލުހަށް ހުށަހެޅުމުން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަނުނުވެސް އަންނަނީ އެ މަސައްލަ އެ ކޮމިޝަނުން އިސްނަގައިގެން ބަލަމުންނެވެ.

އާދަމް ނަސީރު މަރުވީ ދެހަފްތާއެއްހާ ދުވަހު ބަލިވެ އުޅުމަށްފަހު، ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދެވުނުތާ ހަތަރު ގަޑި އިރުފަހުންނެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުންނެވެ.

އެ މައްސަލައިގައި، އެ ރިސޯޓުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައިވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ރިސޯޓުން މީހަކު ބަލިވެގެން އޭގެ ކުރިން އެޗްޕީއޭ ރިޕޯޓުކޮށްފައި ނުވާކަންވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މިހާރު 60 އަށް ވުރެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވާ ކަނޑިންމަ ރިސޯޓު ހުއްދަ ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބާތިލުވެސް ކޮށްފައެވެ.

https://sun.mv/145371

comment ކޮމެންޓް