އަލިފުށީ ދަނޑުގައި ލައިޓިން ޖެހުމާއި ރޮސްޓްރަމް ގާއިމު ކުރުމަށް ސޮއިކޮށްފި

ރ. އަލިފުށީގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު - ކުޅިވަރާ ބެހޭ ވުޒާރާ

ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ ލައިޓިން އަދި ރޮސްޓްރޮމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި އިއްޔެ އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އިބްރާހީމް އެވެ. އަދި މި މަސައްކަތްތައް ހަވާލުކުރެވުނު ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުﷲ އެވެ. އެގޮތުން އަލިފުށީ ދަނޑުގެ ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2،120،691.44 ރުފިޔާ އަށެވެ.

މި މަސައްކަތް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 54 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

އަދި އެރަށުގެ ދަނޑުގައި ރޮސްޓްރޮމް ގާއިމްކުރުމަށް ކޮންޓްރެކްޓް ކުރެވިފައި ވަނީ 4،823،753.66 ރުފިޔާއަށެވެ. މި މަސައްކަތް ވެސް ސައިޓު ހަވާލުކުރާތާ 14 ދުވަހުގެ ތެރޭގައި ފަށައި 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އަލިފުށީގައި އަޅާފައިވާ ޓާފް ދަނޑަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިމުނު ބޮޑު ފުޓުބޯޅަ ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއް މަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެ އެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 ރުފިޔާ އަށް ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ.

comment ކޮމެންޓް