އިންޑިއާގެ އެހީގައި ގާއިމު ކުރާ 67 ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހަވާލުކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކް ރަސްމީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//ޔޫތް މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 67 ރަށުގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ރަސްމީކޮށް ދިވެހި ސަރުކާރާއި ހަވާލުކޮށްފި އެވެ.

ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި އިއްޔެ ބޭއްވި އެ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހިޒް އެކްސެލެންސީ ހަރްޝް ވަރްދަން ޝްރިންގްލާ އެވެ. އިއްޔެގެ އެ ރަސްމިއްޔާތުގައި އެމަނިކުފާނާއެކު އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޝްރީ ސަންޖޭ ސުދީރުގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ މަގަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކަށް ޒިޔާރަތްކުރެއްވި ކަމަށާއި އެހެން ނަމަވެސް މަދު ރަށެއްގައި މެނުވީ ކުޑަކުދިންނަށް އެ ކުދިން ހީ ސަމާސާކޮށް މަޖާކޮށްލެވޭނެ ރައްކާތެރި މާހައުލެއް ނެތް ކަމަށެވެ.

އެހެންކަމުން މުޖުތަމައު ބާރުވެރިކުރުމުގެ ސިޔާސަތުތަކުގެ ދަށުން ރަށްރަށުގައި ޕާކްތައް ގާއިމްކުރެއްވުމަށް ނިންމައި އެމަސައްކަތް ފެއްޓެވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަމާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރެއްވުން ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މީގެއިތުރުން މިއީ ކުޑަކުޑަ ޕްރޮޖެކްޓެއް ކަމަށް ބަޔަކު ހީކޮށްފާނެ ކަމަށާއި އެހެން ނަމަވެސް މިއީ ޕާކް ބޭނުންވެފައި ތިބި ރަށްތަކުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިޔަށް ގެންދާ މި ޕްރޮޖެކްޓާއެކު ރަށްރަށުގައި ތިބި އެތައް ހާސް ކުޑަކުދިންނެއްގެ ހުވަފެންތަކުގައި ކުލަ ޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑިއާގެ ހިލޭ އެހީގައި މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯރް ޖިމް އިންސްޓޯލް ކުރާނެ ސާމާނު ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. އަދި އެހެންމެ މިހާރު މާލޭ އިރު ދެކުނު ފަރާތުގައި ހަދަމުންދާ ސިންތެޓިކް ޓްރެކަކީ ވެސް އިންޑިއާގެ އެހީތެރިކަމާ އެކު ހަދަމުންދާ ތަނެކެވެ.

comment ކޮމެންޓް