ރަޝިއާގެ ކެބިނެޓުގައި ތިއްބަވާ ބޮޑުވަޒީރުގެ ނައިބުންގެ އަދަދު 10އަކަށް އިތުރުކޮށްފި

ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު ކަމަށް އަލަށް އައްޔަން ކުރަނީ އެނާޖީ މިނިސްޓަރު އެލެގްޒެންޑާ ނޮވަކް -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (ނޮވެމްބަރު 9): ރަޝިއާގައި ތިއްބަވާ ބޮޑުވަޒީރުގެ ނައިބުންގެ އަދަދު ނުވައަކުން 10އަކަށް އިތުރުކޮށް، އެގައުމުގެ ކެބިނެޓަށް ބަދަލުތަކެއް ގެނެސްފި އެވެ.

ރަޝިއާގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި ރައީސް ވްލަޑިމިއާ ޕޫޓިން އިއްޔެ ނެރުއްވި އަމުރެއްގައިވާ ގޮތުން ދެން އެގައުމުގެ ބޮޑުވަޒީރުގެ 10 ނައިބުން ތިއްބަވާނެ އެވެ. އަދި އެކަކު ހުންނަވާނީ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ ގޮތުގަ އެވެ.

މީގެ އިތުރުން ޕޫޓިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރާއި ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރޮމެންޓް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރު މަގާމުން ދުރު ކުރައްވާފަ އެވެ.

ރަޝިއާގެ ބޮޑުވަޒީރު މިޚައިލް މިޝުސްތިން ވިދާޅުވި ގޮތުގައި އޭނާގެ އާ ނައިބުގެ މަގާމަށް އައްޔަން ކުރަން ޕާލިމެންޓަށް ހުށަހަޅާނެ ނަމަކީ އެގައުމުގެ އެނާޖީ މިނިސްޓަރު އެލެގްޒެންޑާ ނޮވަކް އެވެ. އަދި އެނާޖީ މިނިސްޓަރުގެ މަގާމަށް ދެން އައްޔަން ކުރާނީ ރަޝިއާގެ ހައިޑްރޯއިލެކްޓްރިކް ކަރަންޓު އުފައްދާ ކުންފުންޏެއްގެ ވެރިޔާ ކަމަށްވާ ނިކޮލައި ޝުލްގިނޮވް އެވެ.

މީގެ އިތުރުން މިޝުސްތިން ޓްރާންސްޕޯޓު މިނިސްޓަރު ކަމަށާއި ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރޮމެންޓް މިނިސްޓަރު ކަމަށާއި ކޮންސްޓްރަކްޝަން މިނިސްޓަރު ކަމަށްވެސް އާ ބެފުޅުންގެ ނަން ހުށަހަޅުއްވާފައިވެ އެވެ. އޭގެ ތެރެއިން ޓްރާންސްޕޯޓު މިނިސްޓަރަކަށް އައްޔަން ކުރަން ހުށަހަޅާފައި ވަނީ އެގައުމުގެ ގައުމީ އެއާލައިން އެއަރޯފްލޮޓްގެ ސީއީއޯ ވިޓަލީ ސަވެލިވް އެވެ. އެ ހުރިހާ ނަންތައްވެސް ދެން ޕާލިމެންޓަށް ހުށަހަޅާނެ އެވެ. އަދި ހުރިހާ ނަމަށްވެސް ރުހުން ލިބޭނެ ކަމަށް ރަޝިއާގެ މީޑިއާތަކުން ލަފާ ކުރި އެވެ.

ރަޝިއާގެ ބޮޑުވަޒީރުގެ ނައިބު ކަމަށް އަލަށް އައްޔަން ކުރާ ނޮވަކް އެނާޖީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ 2012އިގަ އެވެ. އަދި އޭނާ ވަނީ ދުނިޔެއިން ތެޔޮ އުފައްދާ މިންވަރު މަދު ކުރުމަށް 2016 ވަނަ އަހަރު ހެދި އެއްބަސްވުމުގަ އާއި އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)އާ އެކު ރަޝިއާއިން ބޭއްވި މަޝްވަރާތަކުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް