ކަމާލާގެ ހުުދު ޕޭންޓް ސޫޓް، އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ހާއްސަ

ކަމަލާ ހެރިސް، ހުދުކުލައިގެ ޕޭންޓް ސޫޓްގައި-- ފޮޓޯ:ގެޓީ އިމޭޖަސް

ކަމާލާ ހެރިސްގެ ނަން ތާރީހުގައި ލިޔެވިއްޖެ އެވެ. އޭނާއަކީ ދުނިޔޭގެ އެންމެ ގަދަ އެއް ބާރުގެ ފުރަތަމަ އަންހެން އިންތިޚާބީ ނައިބު ރައީސެވެ. އަދި އެމެރިކާގެ ފުރަތަމަ ކަޅު ނަސްލެއްގެ އަދި ދެކުނު އޭޝިއާއަށް ނިސްބަތްވާ އިންތިޚާބީ ނައިބު ރައީސް ވެސްމެ އެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު އޭނާ ދިން 'ވިކްޓްރީ ސްޕީޗަކީ' އެތައް އަހަރެއް ވަންދެން ދިގުދެމިގެންދާނޭ މުހިންމު މެސެޖުތަކެއް ހިމެނޭ މޮޅު އަދި ވަރުގަދަ ސްޕީޗެކެވެ. ސްޕީޗާ އެއްވަރަށް ދެން ސޯޝަލް މީޑީއާގައާއި ބޮޑެތި ނޫސްތަކުގެ ހެޑްލައިންގައި ވެސް އޮތީ އޭނާގެ ހުދު ޕޭންޓް ސޫޓްގެ ވާހަކަ އެވެ. ރީތި ވުމުގެ އިތުރަށް މި އައުޓްފިޓުގައި އެތަކެއް މާނަތަކާއި ސިއްރުތަކެއް ހިމެނެ އެވެ.

ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުމުގައި ތާރީޚީ ކުލައެއް

އެމެރިކާގެ ތާރީޚުގައި އެންމެ ގިނަ ދުވަސްތަކެއް ވާންދެން ބަޔަކު ހިންގި މުހިންމު އެއް މޫވްމަންޓަކީ 19 ވަނަ ޤަރުނުގައި އަންހެނުންނަށް ވޯޓުލުމުގެ ހައްގު ހޯދުމަށް ކުރި އިހްތިޖާޖުތަކެވެ. ގާތްގަނޑަކަށް 100 އެއްހާ އަހަރަށް މިކަން ދިގުދެމިގެން ދިޔަ އިރު، ހުދު ކުލައަކީ މި ހަރަކާތުގެ މައި ކުލަ އެވެ. އުންމީދާ ގުޅިފައިވީ ފެހިކުލަ އާއި އިއްޒަތަށް ދެވުނު ދަނބުކުލަ އާ އެކު ހުދު ކުލަވީ އެ ހަރަކާތުގެ ސާދާކަމާއި ހެޔޮ ނިޔަތް ދައްކުވައިދިނުމަށް ބޭނުންކުރެވުނު ކުލަ އަށެވެ. އަދި މި ހުދުކުލައިން އަންގައިދިނީ އެ ހަރަކާތަކީ އެއްވެސް ވަރަކަށް އަނިޔާވެރިކަމާއި އަނިޔާ ދިނުމުގެ ވިސްނުމެއް ނެތް ކުލައެއް ކަމެވެ.

ޝާރލޭ ޗިޒޮމް، އެމެރިކާގެ ފުރަތަމަ އަންހެން އެފްރިކަން އެމެރިކަން ކޮންގްރެސް ވުމަން

އެމެރިކާގެ އިންތިޚާބީ އިސް މަގާމުތަކަށް ހޮވުނު އަންހެނުންނަށް މި ކުލަ ހާޢްސަ

ހުދު ކުލައަކީ އެމެރިކާގެ ޑިމޮކްރަސީގެ ދިގު ތާރީޚުގައި ސިޔާސީ މަގާމުތަކަށް ހޮވުނު އަންހެނުންނަށް މަގުބޫލު ކުލައެއްވެސް މެ އެވެ. އެގޮތުން 1968ގައި އެމެރިކާގެ ކޮންގްރެސްއަށްް ހޮވުނު ފުރަތަމަ އަންހެން އެފްރިކަން އެމެރިކަން ޝާރލޭ ޗިޒޮމް ވެސް ފުރަތަމަ ފެނިގެން ދިޔައީ ހުދު ހެދުމެއްގަ އެވެ. އެއަށް ފަހު 1984ގެ އިންތިޚާބުގައި ވޯލްޓާ މޮންޑޭލްގެ ރަނިން މޭޓްކަން ގަބޫލުކުރި ހަފްލާގައި ޖެރަލްޑިން ފެރާރޯޯ ވެސް ފެނިގެންދިޔައީ ހުދު ކުލައިންނެވެ. އަދި 2016 ވަަނަ އަހަރު، ޑިމޮކްރަޓިކް ޕްރެޒިޑެންޝަލް ނޮމިނޭޝަން ގަބޫލުކުރަމުން ހިލަރީ ކްލިންޓަން ވެސް ލައިގެން ހުރީ ހުދު ޕޭންޓް ސޫޓްއެކެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ޕްރިއިމް މިނިސްޓަރު މާގަރެޓް ތެޗާ

ހެދުމުގެ ކަރުގައި އިން ޓައިވެސް ތަފާތު

ހުދު ޕޭންޓް ސޫޓްއާ އެކު އެތެރެއިން ލައިން ހުރި ބްލައުސްގެ ކަރުގައި އިން 'ޓައި' އަކީވެސް ސިޔާސީ މައިދާނުގައި އަންހެނުންނަށް ހާއްސަ ޓައި އެކެވެ. އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ޕްރައިމް މިނިސްޓަރު އަދި އެ މަގާމު އެންމެ ގިނަ ދުވަހަށް ފުރުއްވި މާގަރެޓް ތެޗާގެ ސިގްނޭޗާ މި ބޯ ޓައީ އަކީ ސިޔާސީ މައިދާނުގައި ފިރިހެނުންނަށް ވުރެ ވަކިތަންފުކެއް ވެސް އަންހެނުން ދޫ ނުކުރާނެކަން އަންގައިދިން މުހިންމު ނިޝާނެކެވެ. މިފަދަ ބޯ ޓައީތަކުގައި މެލޭނިއާ ޓްރަމްޕްވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ޑިމޮކްރަޓިކް ޕާޓީގެ ބައެއް އަންހެން މެންބަރުން ޓްރަމްޕްގެ ޔޫނިއަން އެޑްރެސްގައި ހުދުކުލައިން ހިމޭން އިހްތިޖާޖްކުރަނީ

މީގެއިތުރުން ވެސް ހުދުކުލައަކީ އަންހެން ޑިމޮކްރަޓުންގެ މެދުގައި އަނިޔާވެރި ރައީސުންނާއި ދެކޮޅަށް ހިމޭން ހަރަކާތްތައް ކުރިއަށްގެންދާއިރު ބޭނުން ކުރެވޭ ކުލައެއްވެސްމެ އެވެ.

ކަމާލާ ހެރިސް، ހުދު ޕޭންޓްސޫޓްގައި، މިއީ ކެރޮލީނާ ހެރޭރާ ގެ ޑިޒައިނެއް

ހެދުން ޑިޒައިންކުރީ ވެސް ވެނެޒުއޭލަން އިމިގްރަންޓެއް

މާނަތަކުން ފުރިގެންވީ މި ޕޭންޓްސޫޓްގެ ޑިޒައިނަރަކީ ކެރޮލީނާ ހެރޭރާ އެވެ. އޭނާގެ ބްރޭންޑަކީ އެމެރިކަން ލަކްޒަރީ ފެޝަން ބްރޭންޑަކަށް ވިޔަސް ކެރޮލީނާއަކީ ވެނެޒުއޭލާއަށް އުފަން އަދި އެމެރިކާއަށް އައި އިމިގްރަންޓެކެވެ. ކަމާލާގެ މި ހާއްސަ އައުޓްފިޓް ކެރޮލީނާގެ ފަރުމާއަކަށް ވުމަކީ ވެސް އިއްތިފާގެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. ސަބަބަކީ ކަމާލާއަކީ ވެސް އެމެރިކާއަށް ހިޖުރަކުރި ދެމަފިރިއެއްގެ ދަރިއަކަށް ވުމެވެ. އޭނާގެ މަންމައަކީ އިންޑިއާ ރައްޔިތެކެވެ. އަދި ބައްޕަ ނިސްބަތްވަނީ ޖެމެއިކާ އަށެވެ. ދެމީހުން ބައްދަލުވީ އެމެރިކާގައި ކިޔަވަން ދިޔަ ކޮލެޖުންނެވެ.

އިންތިޚާބީ ނައިބު ރައީސްގެ ގޮތުގައި ކަމާލާގެ ފުރަތަމަ ފެނިލުމުން ވެސް ތާރީޚުގެ އެތައް ސޮފްހާތަކެއް އަލުން ހުޅުވި އިއާދެވެގެން ހިނގައްޖެ އެވެ. މުސްތަގުބަލަށް ޓަކައި އުންމީދުތައް އާވެގެން ހިނގައްޖެ އެވެ.

comment ކޮމެންޓް