ތަހުގީގު ފުރިހަމަކުރަން މޭޔަރު ޝިފާގެ މައްސަލަ އަނބުރާ ފޮނުވާލައިފި

ޑިސެމްބަރު 15، 2019: ކުރޮސްރޯޑުގައި ބޭއްވި "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ ކޮންފަރެންސްގެ ތެރެއިން: މާލޭ ސިޓީ ކައުންސިލް މޭޔަރު ޝިފާ ތައުފީޤު --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުގެ މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.

ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައިވާތީ އޭސީސީ އިން ވަނީ މާލޭ ސިޓީ މޭޔަރު ޝިފާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

އޭސީސީ އިން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. މިއީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މަސް ދުވަސް ފަހުން ޕީޖީން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން "ސަން" އަށް ބުނީ މައްސަލަ އަނބުރާ ފޮނުވާލީ ތަހުގީގުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން ހުރިކަމަށް ފާހަގަވާތީ އެކަންކަން ފުރިހަމަކޮށް، އަލުން މައްސަލަ ހުށަހެޅުމަށް ކަމަށެވެ.

ޝިފާގެ މައްސަލާގައި ދައުވާ ކުރުން ލަސްވާތީ ނޫސްވެރިން ސުވާލުކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ޝިފާއާ އޭނާއާ އާއިލީ ގޮތުން ގުޅުން އޮންނާތީވެ، އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވަނީސް، އަމަލީ ގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާ ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ.

އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ސިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލާގައި ވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާ އިން ނުވަތަ މުދަލާ މެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް