ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ދަށަށް

ޖެނުއަރީ 24، 2020: ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މި ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ދެވަނަ ކުއާޓަރުގައި ހުށަހެޅި ކުޑަކުދިންނަށް ގޯނާކުރުމުގެ މައްސަލަތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދެވަނަ ކުއާޓަރުގައި ކުޑަކުދިންނަށް އެކި ބާވަތުގެ ގޯނާކުރުމުގެ 93 މައްސަލަ ހުށަހެޅި އިރު، ފުރަތަމަ ކުއާޓަރުގައި 233 މައްސަލަ ހުށަހަޅާފައިވެއެވެ.

ފުރަތަމަ ކުއާޓަރުގައި ޖިންސީ ގޯނާގެ 100 މައްސަލަ، ޖިސްމާނީ އަނިޔާގެ 45 މައްސަލަ، އިހުމާލުވުމުގެ 31 މައްސަލަ، ޖިންސީ ފުރައްސާރައިގެ ހަތް މައްސަލަ، ބްލެކްމެއިލް ކުރުމުގެ އަށް މައްސަލަ، ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމުގެ ތިން މައްސަލަ، އަދި ބިރުދެއްކުމުގެ ހަތް މައްސަލަ ހުށަހެޅިއެވެ.

މީގެ އިތުރުން ކުޑަކުދިންގެ ބަރަހަނާ މަންޒަރު ނެގުމުގެ ހަތަރު މައްސަލަ ވެސް ހުށަހެޅިއެވެ.

ދެވަނަ ކުއާޓަރުގައި ހުށަހަޅާފައި ވަނީ ޖިންސީ ގޯނާގެ 42 މައްސަލަ، ޖިސްމާނީ އަނިޔާގެ 22 މައްސަލަ، އިހުމާލުވުމުގެ 10 މައްސަލަ، އަދި ބްލެކްމެއިލް ކުރުމުގެ ހަތް މައްސަލައެވެ.

ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ދެއްކުމާއި، ބިރުދެއްކުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލައެއް ދެވަނަ ކުއާޓަރުގައި ހުށަހަޅާފައެއް ނުވެއެވެ. ކުޑަކުދިންގެ ބަރަހަނާ މަންޒަރު ނެގުމުގެ ތިން މައްސަލަ ވަނީ ހުށަހަޅައިފައެވެ.

ގޯނާ ލިބުނު ކުދިންގެ ތެރޭގައި އެންމެ ގިނައީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އެއީ އަނިޔާ ލިބުނު ކުދިންގެ 40 ޕަސެންޓެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ކުދިންގެ ނިސްބަތް، ދެވަނަ ކުއާޓަރުގައި ވަނީ އިތުރުވެފައެވެ. ގެވެށި އަނިޔާގެ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންގެ 46 ޕަސެންޓަކީ ކުޑަކުދިންނެވެ. އެއީ 33 ކުޑަކުދިންނެވެ.

comment ކޮމެންޓް