ބްރިޖާއި ޕޯޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު މެދުތެރޭ

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/ އީޕީއޭ

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖާއި ގުޅިފަޅު ޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭ ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބްރިޖުގެ މަސައްކަތަށް ޕްރީ ކޮލިފައިޑް ކޮންޓްރެކްޓަރުން ހޯދަން މިހާރު ޓެންޑާ ކޮށްފައިވާ ކަމަށެވެ.

"މިމަހުގެ 12 ވަނަ ދުވަހަށް އެ ޓެންޑާ ކްލޯޒްވާނެ. ކްލޯޒްވެފަ ގާތްގަނޑަކަށް މަހެއް ހައި ދުވަސްތެރޭ އެގްޒިމް ބޭންކުން އަޅުގަނޑުމެންނާ ހަމައަށް ފޮނުވާނެ ކޮލިފައިވާ ދެތިން ހަތަރު ޕާޓީއެއް. ދެން އެމީހުންނަށް އަޅުގަނޑުމެން ފޮނުވާނީ ރަސްމީ ޓެންޑާ،" މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އުއްމީދަކީ ޖެނުއަރީ މަސް ނުވަތަ ފެބްރުއަރީ މަސް ތެރޭ އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރު ލިބޭނެ. ކޮންޓްރެކްޓަރު ލިބުނީމާ އޭގެ މާނައަކީ ޑިޒައިން އެންޑް ބިލްޑް ކަމަކަށްވާތީ މެއި، ޖޫން ހިސާބުގައި އިރާދަ ކުރެއްވިއްޔާ އެތަނުގައި މެޝިނަރީ އާއެއްކޮށް މަސައްކަތް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ އަންނަ އަހަރުގެ މެދުތެރޭ ގުޅީފަޅު ޕޯޓާއި ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ފެށުން ކަމަށެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. އެ މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައިވެ އެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓު ގާއިމް ކުރަނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް ޕޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންމެ ބޮޑު އަަދަދެއް ކަނޑައަޅާފައި ވަނީވެސް ބްރިޖާއި ޕޯޓުގެ މަސައްކަތަށެވެ. ޕޯޓުގެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 444.9 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ބްރިޖު މަޝްރޫއަށް 468.9 މިިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

comment ކޮމެންޓް