32 ރަށެއްގައި އައުޓްޑޯ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި

61 ރަށެއްގައި ޖިމް ގާއިމު ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރެއިން 32 ރަށެއްގެ އައުޓްޑޯރ ޖިމްގެ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަހްމަދު އިބްރާހީމްއެވެ. އަދި ސިނާން ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އިބްރާހިމް އަރީފްއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4،101،134.17 ރުފިޔާއަށެވެ.

އެގޮތުން އެއްބަސްވުމުގައި ސޮއިކުރާތާ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭއިރު 56 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

ހއ. ބާރަށް
ހއ. ތަކަންދޫ
ހއ.މުރައިދޫ
ހދ. ކުޅުދުއްފުށި
ހދ. ނޭކުރެންދޫ
ހދ. ކުމުންދޫ
ހދ. ވައިކަރަދޫ
ށ. ފޯކައިދޫ
ށ. ކަނޑިތީމު
ނ. ހެނބަދޫ
ނ. މާޅެންދޫ
ނ. ވެލިދޫ
ނ. ކުޑަފަރި
ނ. މާފަރު
ނ. މަނަދޫ
ރ. މަޑުއްވަރީ
ރ. އުނގޫފާރު
ރ. ރަސްގެތީމު
ރ. ހުޅުދުއްފާރު
ރ. އިނގުރައިދޫ
ރ. އިންނަމާދޫ
ރ. މީދޫ
ރ. ފައިނު
ބ. އޭދަފުށި
ބ. ކަމަދޫ
ބ. ގޮއިދޫ
ޅ. ކުރެންދޫ
ކ. ހިންމަފުށި
ކ. މާފުށި
ކ. ދިއްފުށި
ވިލިމާލެ
ކ. ތުލުސްދޫ

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގެ 61 ރަށެއްގައި އެޅުމަށް ނިންމާފައިވާ އައުޓްޑޯ ޖިމުތަކަށް ބޭނުންވާ ސާމާނު ގެނެސް ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި 61 ރަށެއްގައި ހަދާ އައުޓްޑޯ ޖިމަށް ބޭނުންވާ ސާމާނު ގެނައުމަށް ޔޫތު މިނިސްޓްރީއިން ހަވާލުކުރި ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް ނުވަ ވަރަކަށް މިލިއަން ރުފިޔާ ކަމަށާއި، ޖިމްގެ ސާމާނު ރާއްޖެ ގެނެސް އަތުރާ ނިންމާލުމަށް އިތުރަށް 20 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. މި ހުރިހާ ޚަރަދެއް ވެސް ކުރާނީ އިންޑިއާ ސަރުކާރުންނެވެ.

comment ކޮމެންޓް