ރާއްޖޭގެ ޖަޒީރާ ހިތްގައިމުކަން ދައްކާލާ ދިވެހި ގޭމެއް

ލޫޕްކްރާފްޓުން އުފައްދާ "ލިޓްލް އައިލެންޑް އެޑްވެންޗާ" އިން މަންޒަރެއް ---

ދިވެހީން އަންނަނީ އެކި ދާއިރާތަކުގައި ހުނަރު ދައްކަމުންނެވެ. މިފަހަކަށް އައިސް ދިވެހި ޒުވާނުންގެ ކުޅަދާނަކަން ފެންނަ އެއް ދާއިރާއަކީ ވީޑިއޯ ގޭމް އަދި އެނިމޭޝަން އެވެ. އެގޮތުން ދިވެހިންގެ ޓީމެއް ހިމެނޭ ލޫޕްކްރާފްޓް އިން މި ވަނީ މުޅީން އާ ވީޑިއޯ ގޭމެއް އުފައްދަމުން އަންނަކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން މި ވަނީ ގޭމްގެ ފުރަތަމަ މަންޒަރުތައް އާންމުކޮށްފަ އެވެ. ޖަޒީރާ ރާއްޖެއެއްގެ ރީތިކަން ދައްކައިދޭ އެ ގޭމް އަށް އެތައް ބައެއްގެ ސަމާލުކަން ވަނީ މިހާރު ހުއްޓިފަ އެވެ.

ދިވެހި ޓެކްނޮލޮޖިސްޓުންނާއި ޑިޒައިނަރުން ހިމެނޭ ލޫޕްކްރާފްޓް އިން ވަނީ އެ ގްރޫޕުން އުފައްދާ ފުރަތަމަ ގޭމް "ދަ ލިޓްލް އައިލެންޑް އެޑްވެންޗާ"ގެ ފަސްޓްލުކް އާންމުކޮށްފަ އެވެ.

ރާއްޖޭގައި މިއީ ވީޑިއޯ ގޭމެއް އުފައްދާ ދެވަނަ ފަހަރެވެ. މީގެކުރީން ވަނީ އާސިލްސް ނަމަކަށް ކިޔާ ދިވެހި ޒުވާނުންގެ ޓީމެއް ކަމަށްވާ "އާސިލްސް" އިން މޯބައިލް ގޭމެއް ތައާރަފުކޮށްފަ އެވެ. "ތަކުރު ވޯސް"ގެ ނަމުގައި ނެރެފައިވާ ގޭމް އަކީ އޮންލައިންކޮށް އެތައް ބަޔަކާއެކު ކުޅޭ ގޭމެކެވެ. އެ ގޭމު އިތުރަށް ތަރައްގީކުރަމުންދާއިރު މިވަގުތު ގޭމް އޮތީ ބީޓާ ވާޝަންގަ އެވެ.

ލިޓްލް އައިލެންޑް އެޑްވެންޗާގެ ގޭމްގެ މަންޒަރެއް ---

ތަކުރު ވޯސްއާ ހިލާފަށް ލިޓްލް އައިލެންޑް އެޑްވެންޗާ އަކީ ރާއްޖޭގެ ރީތި މަންޒަރުތައް ފެނިގެންދާ ގޭމެކެވެ. ކުޑަ އަންހެން ކުއްޖެއް ލީޑް އަށް ލައިގެން ކުޅޭ އެ ގޭމްގައި ރީތި ދޮންވެލިގޮނޑުދޮށްތަކާއި މޫދުތަކުގައި އެކުއްޖާ ދަތުރުކުރާނެ އެވެ.

ލޫޕްކްރާފްޓް އިން ބުނެފައިވަނީ އެ ގޭމް އަކީ އެޑްވެންޗާ ސްޓައިލްގެ އޯޕަން ވޯލްޑް ގޭމެއް ކަމަށެވެ. އެ ގޭމުން ފެނިގެންދާނީ އާދައިގެ އަދި ހިތްހަމަޖެހޭ ރަށްފުށުގެ ދިރިއުޅުން ކަމަށް ލޫޕްކްރާފްޓުން ބުނެ އެވެ.

"ކުޅުންތެރިންނަށް ބޮޑު ދަތުރެއްގައި އެކި ކަހަލަ ކުއެސްޓްތަކާއި އެކްޓިވިޓީ އަދި ޕަޒްލްތައް ރާވައިލައި ހެދައިގެން މި ގޭމުގައި ކުރިއަށް ދެވޭނެ،" ލޫޕްކްރާފްޓް އިން ބުނެ އެވެ.

އެ ގޭމު އާންމުންނަށް ދޫކޮށްލުމަށްޓަކައި ލޫޕްކްރާފްޓުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެ ގޭމް އޮތީ ޕްރީ އަލްފާ ސްޓޭޖުގައި ކަމަށް އެ ގްރޫޕުން ބުނެ އެވެ. ލޫޕްކްރާފްޓުން ބުނާގޮތުގައި އަންނަ އަހަރުގެ މެދުތެރޭގައި އެ ގޭމް ރިލީޒުކުރެވޭވަރު ވާނެ އެވެ.

ގިނަ ބަޔަކަށް ކަމުދާނެގޮތަށް ތައްޔާރުކުރަމުންދާ އެ ގޭމް އަކީ ލޯކަލް މާކެޓުގެ އިތުރުން ބައިނަލްއަގުވާމީ މާކެޓަށްވެސް ވިސްނައި އުފައްދާ ގޭމެއް ކަމަށް އެ ގްރޫޕުން ބުނެ އެވެ.

comment ކޮމެންޓް