ކައުންސިލް އިންތިހާބަށް 49.1 މިލިއަން ރުފިޔާ ހިމަނައިފި

އީސީން ބޭއްވި އިންތިހާބެއްގައި ވޯޓު ކަރުދާސް ގުނަނީ --- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިހާބަށް 49.1 މިލިއަން ރުފިޔާ 2021 ބަޖެޓްގައި ހިމަނައިފި އެވެ.

އިލެކްޝަންސް ކޮމިޝަން އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗު މަހު އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް މިއަދު ހުށަހެޅި ބަޖެޓްގައި ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްލަ 49.18 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

އެއީ އެންމެ ފުރަތަމަ އެ އިންތިހާބަށް ކަނޑައެޅި ބަޖެޓަށްވުރެ 31.5 މިލިއަން އިތުރުވުމެކެވެ. މިއަހަރު އެންމެ ފުރަތަމަ ބާއްވަން ތާވަލް ކުރި އެ އިންތިހާބަށް ފުރަތަމަ ކަނޑައެޅީ، 17.6 މިލިއަން ރުފިޔާ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ހަރަދުކޮށްފައިވަނީ 45 މިލިއަން ރުފިޔާ އެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލި އެވެ.

ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

comment ކޮމެންޓް