ކަނޑިންމަ މުވައްޒަފުގެ މަރާ ގުޅޭ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

ކަޑިންމަ ރިސޯޓު

ކަނޑިންމަ ރިސޯޓުގެ މުވައްޒަފު ކޮވިޑް ޖެހިގެން މަރުވި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މިދިޔަ މަހު 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ އާދަމް ނަސީރު މަރުވީ އެ ރިސޯޓުގައި ދެ ހަފްތާއެއްހާ ދުވަހު ބަލިކޮށް އުޅުމަށްފަހު، ދ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، މަރުވި ފަހުން ހެދި ކޮވިޑް ޓެސްޓުންނެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލައިގައި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުުއްވީ، ކުޑަހުވަދޫ ދާއިރާ މެމްބަރު އަހްމަދު އާމިރު ކަމަށެވެ.

"އާދަމް ނަސީރު އެތާނގައި އުޅޭތާ[ރިސޯޓުގައި] ކިތަންމެ ދުވަހެއް. އުޅެނިކޮށް އާދަމް ނަަސީރު ބަލިވީ. އާދަމް ނަސީރަށް ރަށަށް ދެވޭ ގޮތް ނުވެ އާދަމް ނަސީރު ނިޔާވީ، އެކަމާ ގުޅޭ ކުއްލި މައްސަލަ ހުށަހަޅުއްވާފައި އެ ވަނީ،" ކުއްލި މައްސަލައާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ، މިއަދު މަޖިލީހުގައި ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓް ތާވަލްކޮށްފައިވުމުން ކުއްލި މައްސަލަ ވަނީ މާދަމާއަށް ތާވަލްކޮށްފައިވާކަމަށެވެ.

"މަޖިލިސް ގަވައިދުގައި ބުނާ ގޮތުން ބަޖެޓް ހުށަހަޅާ ޖަލްސާއަށް ކުއްލި މައްސަލައެއް ނުނެންގެވޭނެ. އެހެން ކަމުން މާދަމާއަށް ކުއްލި މައްސަލަ އިރާދަކުރެއްވީއްޔާ ވޯޓަށް ގެންނަވާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އާއިލާއިން ތުހުމަތު ކުރަނީ އޭނާއަށް ފަރުވާ ދިނުމުގައި ރިސޯޓުން އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާ މާލެ ފޮނުވައި ދިނުމަށް އެދި އާދެސް ކުރި އިރު، ރިސޯޓުން އަޅާނުލި ކަމަށް އާއިލާއިން ބުނެއެވެ.

އެޗްޕީއޭއިން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމުން މިހާރު ފުލުހުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ.

އެ މައްސަލައިގައި، އެ ރިސޯޓުން އެކި ފަހަރު އެކި ގޮތަށް މައުލޫމާތު ދީފައިވާކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވިއެވެ.

"ފެނުނު ކަންތައްތަކުން އިތުރަށް ތަހުގީގު ކުރަން ޖެހޭތީ ފުލުހަށް ހުށަހެޅީ. އޭގެ ތެރޭގައި މިސާލަކަށް ބަލި މީހާގެ ހިސްޓްރީ ދިނުމުގައި އެކިފަހަރު އެކި ގޮތަށް މައުލޫމާތު ދީފައި ހުރި ކަމަށް ފެންނަ އެބަހުރި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

https://sun.mv/145348

comment ކޮމެންޓް