އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދޭން ސަރުކާރުން ނިންމައިފި

ދިރާގާއި އުރީދޫގެ ސިމްކާޑުތަކެއް --

ރާއްޖޭގައި އިތުރު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ނުވަތަ ކުންފުންޏަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވަނީ އަންނަ އަހަރު މުޅިން އަލަށް އާމްދަނީ ހޯދުމަށްޓަކައި އާ ހަ ކަމެއް ބަޖެޓުގައި ހިމަނުއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަންތައްތަކުން، 1.22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ބަޖެޓުގައި ލަފާކޮށްފަ އެވެ.

ބަޖެޓުގައިވާ ގޮތުގައި ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް އަންނަ އަހަރު އަލަށް 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދޭނެ އެވެ.

ބަޖެޓު ބަޔާން މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލުތަކުން އާ އާމްދަނީ ހޯދުމެވެ. އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ވައުދަކީ އިންޓަނެޓް އަގުހެޔޮ ކުުރުމެވެ. އެގޮތުން އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ވަނީ މީގެކުރީން ސިޔާސަތެއް އެކުލަވާލާފަ އެވެ. ނަމަވެސް ރައީސް އޮފީހުން އެ ބަލައިގަނެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ރައީސް އޮފީހުން ބުނެފައިވަނީ އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.

ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރީން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖެއަށް އިތުރު ޓެލެކޮމް ކުންފުންޏެއް ތައާރަފުކޮށްގެން އިންޓަނެޓްގެ އަގުހެޔޮ ކުރާ ފަދަ ވާހަކަތަކެއްވެސް ވަނީ މީގެކުރިން ވެސް ދެކެވިފަ އެވެ.

މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގު އުރީދޫ އެވެ. އަދި އާރުއޯއެލްއިން އިންޓަނެޓުގެ ހިދުމަތް ވެސް އަންނަނީ ދެމުންނެވެ.

comment ކޮމެންޓް