ސިޓީ-ލިވަޕޫލް ކުރިމަތިލުން އެއްވަރުވި އިރު އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ލިވަޕޫލް ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ//ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ވާދަވެރި މެންޗެސްޓާ ސިޓީގެ ކުރިމަތިލުން އެއްވަރުވި އިރު، އެސްޓަންވިޔާ އަތުން އާސެނަލް ބަލިވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ލިވަޕޫލް އަށް މެޗުން 17 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައިގައި އޮތް އިރު، ހަތް މެޗުން ސިޓީއަށް 12 ޕޮއިންޓް ލިބި މިވަގުތު އޮތީ 10 ވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި ލެސްޓާ ސިޓީ 18 ޕޮއިންޓާ އެކު އޮތް އިރު ދެވަނައިގައި އޮތީ ޓޮޓެންހަމް 17 ޕޮއިންޓް ހޯދައިގެންނެވެ.

ފަހަކަށް އައިސް އިނގިރޭސި ލީގުގެ އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ސިޓީއާއި ލިވަޕޫލްގެ މެޗަށް ސިޓީން ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް އަނިޔާގެ ސަބަބުން މުހިއްމު ބައެއް ކުޅުންތެރިން ލިވަޕޫލުގް ސްކޮޑުގައި ހިމެނިފައެއް ނުވެ އެވެ. ފުލްބެކް ވާޖިލް ވެންޑައިކް އަދި ފަބީނިއޯ އަނިޔާގައި ހުރި އިރު، ޖޮއެލް މެޓިޕް ވަނީ އަނިޔާގައި ހުރުމަށްފަހު އައިސް ކުޅެފަ އެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ލިވަޕޫލުންނެވެ. ލިވަޕޫލުގެ ފޯވާޑް ސާޑިއޯ މާނޭއަށް ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއެއްގެ ފައިދާ ނަގައި ލިވަޕޫލަށް އެ ގޯލު ޖަހައިދިނީ މުހައްމަދު ސަލާހް އެވެ.

ސަލާހުގެ ގޯލަށް މާގިނަ އިރުތަކެއް ނުވަނީސް ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ގެބްރިއަލް ޖީސުސް އެވެ. ޖީސުސްއަށް ގޯލު ތަނަވަސްކޮށްދިން ކެވިން ޑިބްރޭނާއަށް އެ ހާފުގައި ސިޓީއަށް ލީޑު ފުޅާ ކޮށްދެން ލިބުނު ޕެނަލްޓީ އޭނާ ފޮނުވާލީ އަރިމަތިން ބޭރަށެވެ.

އަނެއްކޮޅުން މިފަހަކަށް އައިސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އާސެނަލް އަމިއްލަ ދަނޑުގައި އެސްޓަން ވިިލާ އަތުން ބަލިވީ 0-3 އިންނެވެ. އެ މެޗުގައި އެސްޓަން ވިލާއިން ފުރަތަމަ ހާފުގައި ލީޑު ނެގީ އާސެނަލްގެ ޑިފެންޑަރު ބުކަޔަކޯ ސަކާގެ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

އެސްޓަން ވިލާގެ ފޯވާޑް އޮލީ ވަޓްކިންސް އާސެނަލް ކޮޅަށް ދެ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ދެވަނަ ހާފުގައި އެސްޓަން ވިލާއިން ދެ ގޯލު ޖެހި އިރު، އެ ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މި ނަތީޖާއާ އެކު އާސެނަލް އާސެނަލް ތާވަލުގެ 11 ވަނައަށް ވެއްޓުނު އިރު އެސްޓަން ވިލާ އޮތީ ހަވަނައިގަ އެވެ.

މީގެ އިތުރުން ޓޮޓެންހަމާއި ވެސްޓް ބްރޯމް ރޭ ބައްދަލު ކުރި މެޗުން ޓޮޓެންހަމް ވަނީ މުހިއްމު މޮޅެއް ހޯދައިފަ އެވެ. ހަނި ތަފާތަކުން ޓޮޓެންހަމް މޮޅުވި އެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ގޯލު 88 ވަނަ މިނަޓުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މިއީ އިނގިރޭސި ލީގުގައި އޭނާ ޖެހ 150 ގޯލެވެ.

comment ކޮމެންޓް