ޕެނަލްޓީގެ ރާޅެއްގައި ޖެހި ރެއާލް މެޑްރިޑް އަޑިއަށް

ރެއާލް މެޑްރިޑް ކޮޅަށް ގޯލު ޖެހުމަށްފަހު ކާލޯސް ސޯލާ އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި ބައިކޮޅަށް ތިން ޕެނަލްޓީ ގޯލު ވަދެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ވާދަވެރި ވެލެންސިއާ އަތުން ބަލިވެއްޖެ އެވެ.

ވެލެންސިއާގެ އެސްޓޭޑިއޯ މެސްޓަލާގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމް ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެެވެ. މި މެޗުގެ ނަތީޖާއާ އެކު ނުވަ މެޗުން 11 ޕޮއިންޓް ހޯދައިގެން ވެލެންސިއާ ތާވަލުގެ ނުވަ ވަނައަށް އެރި އިރު، މެޗުން ބަލިވި ރެއާލް މިވަގުތު އޮތީ އަށް މެޗުން 16 ޕޮއިންޓް ހޯދައިގެން ހަތަރުވަނައިގަ އެވެ.

އިންޓަނޭޝަނަލް ބްރޭކަށް ދިއުމުގެ ކުރިން ލީގުގެ ފަހު މެޗުތައް ރޭ ކުޅުނު އިރު، ރެއާލުން މެޗަށް ނުކުތީ ލީގުގެ ރަނގަޅު ރެކޯޑަކާ އެކު އެވެ. ވަރުގަދަ ސްކޮޑަކާ އެކު މެޗަށް ނުކުން ރެއާލުން 23 ވަނަ މިނަޓުގައި ވަނީ ލީޑު ވެސް ނަގައިފަ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި ކަރީމް ބެންޒީމާ ރެއާލަށް ލީޑު ނަގައިދިން އިރު، އޭގެ އިރަކޮޅެއް ފަހުން އެ ޓީމުގެ ވިންގަކަށް ކުޅެމުން އަންނަ ލޫކަސް ވަޒްކުއެޒްގެ އަތުގައި ބޯޅައިން ޖެހި ވެލެންސިއާއަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ.

ކާލޯސް ސޯލާ ފޮނުވާލި ފުރަތަމަ ޕެނަލްޓީ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ދިފާއުކުރި ނަމަވެސް ޕެނަލްޓީ ޖެހުމުގެ ކުރިން ކުޅުންތެރިއަކު އޭރިއާ ތެރެއަށް ވަން ކަމަށް ވީއޭއާރުން ލަފާ ދިނުމުން އެ ޕެނަލްޓީ ވަނީ އަލުން ޖަހައިފަ އެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ސޯލާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

ދެ ޓީމަށް ވެސް ލީޑު ނަގާނެ ރަނގަޅު ފުރުސަތުތަކެއް ފަހިވެގެން ދިޔަ އެ ހާފު ނިމެން ދަނިކޮށް ރެއާލްގެ ޑިފެންޑަރު ރަފޭލް ވެރޭން އަތުން ބައިކޮޅަށް ވަން ގޯލާ އެކު ވެލެންސިއާއިން ވަނީ ފަހަތުން އަރައި ލީޑު ނަގައިފަ އެވެ.

ދެވަނަ ހާފުގައި ޑޮމިނޭޓް ކޮށްގެން ކުޅުނު ވެލެންސިއާއަށް ވަނީ އިތުރު ދެ ޕެނަލްޓީ ލިބިފަ އެވެ. މާސެލޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކާއި ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ޖެއްސުމުން ވެލެންސިއާއަށް ދިން އެ ދެ ޕެނަލްޓީ ވެސް ފޮނުވާލީ ސޯލާ އެވެ. ޕެނަލްޓީގެ ހެޓްރިކެއް ކާމިޔާބު ކުރި ސޯލާ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު، ރެއާލްގެ ޑިފެންސް އޮތީ ވަރަށް ބޮޑަށް ރޫޅިފަ އެވެ. މިއީ 21 ވަނަ ގަރުނުގައި، ސްޕެނިޝް ލީގުގައި އެއް މެޗެއްގައި ތިން ޕެނަލްޓީ އެއް ކުޅުންތެރިއަކު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ރެއާލުން ދެން އެންމެ އަވަހަށް ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި އައިސް އެ ޓީމުން ވާދަކުރާނީ ވިލަރެއާލާ ދެކޮޅަށެވެ.

comment ކޮމެންޓް