ބިދޭސީ މީހާ މަރުވީ ކޮވިޑް ޖެހިގެން، ކޮވިޑް މަރު 40އަށް

އެމްބިއުލައިން ހަރަކާތްރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހުޅުމާލޭގައި މަރުވި ބިދޭސީ މީހާ މަރުވީ ކޮވިޑް ޖެހިގެން ކަމަށް އެޗްޕީއޭއިން ނިންމައިފި އެވެ.

އެއާއެކު ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 40 އަށް އަރާފައެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ އެމީހާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، މަރުވިފަހުން ޕްރޮޓޮކޯލްގެ ދަށުން އޭނާ ކޮވިޑަށް ޓެސްޓު ހެދުމުންނެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އޭނާ މަރުވީ ކޮވިޑްގެ ސަބަބުން ކަމަށް ނިންމާފައިވާ ކަމަށެވެ.

އުމުރުން 43 އަހަރުގެ ބަންގްލަދޭޝް ފިރިހެން މީހާއަކީ ހުޅުމާލޭ ފޭސް ދޭއްގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ.

އެއާއެކު އެއް ހަފްތާތެރޭ ދެ މީހަކު މިވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އެންމެ ފަހުން ކޮވީޑް ޖެހިގެން މީހަކު މަރުވީ މިދިޔަ ހުކުރު ދުވަހުއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް ޖެހިގެން މީހަކު މަރުވެފައި ވަނީ އެޕްރީލް 30 ގައެވެ. މިހާތަނަށް ކޮވިޑް-19އަށް ޖުމްލަ 11،986 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 11،092 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 847 އެވެ.

comment ކޮމެންޓް