އަޖޭ ދޭވްގަންގެ "މޭޑޭ"ގެ ލީޑަށް އަމީތާބު ބައްޗަން

އަޖޭގެ ފިލްމުގެ ލީޑަށް އަމީތާބު ވަނީ ހަމަޖައްސާފައި---

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ފިލްމު "މޭޑޭ"ގެ ލީޑަށް ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން ހަމަޖައްސައިފި އެވެ.

އަޖޭގެ އަމިއްލަ ކުންފުނި އޭޑީ ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަށް އަމީތާބު ހަމަޖެއްސިއިރު ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ހަބަރުތައްބުނެ އެވެ. ފިލްމުގެ މުހިއްމު ރޯލަކުން އަޖޭވެސް ފެނިގެންދާއިރު ފިލްމުގައި އޭނާ ކުޅޭނީ ޕައިލެޓެއްގެ ރޯލެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ފިލްމުގެ މަންޒަރުތައް ނަގާއިރު މޭޑޭ އިން ފެނިގެންދާނެ އިތުރު ތަރިންނެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

އެކްޓަރު އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރީ 2016 ވަނަ އަހަރު ނެރުނު "ޝިވާއޭ" އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

އަމީތާބުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އާލިއާ އާއި ރަންބީރު އާއެކު ކުޅޭ "ބުރައްމަސްތުރާ"، "ޕޮންނިއްޔިން ސެލްވަން" އަދި "ހީރާ ޕޭރީ 3" ފަދަ ފިލްމުތައް ހިމެނެ އެވެ.

comment ކޮމެންޓް