ޖިހާދުގެ "ކޮރަޕްޝަނާ" ގުޅޭ ހުކުމެއް އިސްތިއުނާފު ކޮށްދޭން އެދެފި

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ފުށިދިއްގަރުފަޅުގައި ޓުއަރިސްޓު ޒޯނެއް ތަރައްގީ ކުރުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއް ވުމަށާއި، ފުށިދިއްގަރު ފަޅު ލީޒް ކުރުމަށް 2014 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމެއް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން އެދެފި އެވެ.

ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑުން 18 ޖެނުއަރީ 2013ގައި ދިވެހި ދައުލަތަށް ދައުވާ ކުރީ، ކ. ފުށިދިއްގަރު ފަޅުގައި ސްޕެޝަލް ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރަން ދިވެހި ސަރުކާރާއެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދި ނަމަވެސް، އެ އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިނުކޮށް ލަސްވާތީ އެ ކުންފުންޏަށް ގެއްލުންވަމުންދާ ކަމަށް ބުނެ، އެ އެއްބަސްވުމުގައިވާ ގޮތަށް އެ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދިނުމަށް އެންގުމަށާއި، ފަޅުން ލީޒް ކުރަން އެއްބަސްވި ބައި ލީޒް ކުރުމަށް އެންގުމަށް އެދި އެވެ.

އެ މައްސަލައިގައި 15 ޖުލައި، 2014ގައި ސިވިލް ކޯޓުން ހުކުމް ކުރީ ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީކޮށްދިނުމަށާއި، ކުންފުނި ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި ލީޒް އެގްރީމަންޓުގައި ސޮއި ކުރުމަށެވެ.

މިއަދު އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައި ވަނީ އެ އެއްބަސްވުމުގެ މައްސަލަ ބަލައި، އެސެޓް ރިކަވަރީ ކޮމިޝަނުން ނިންމާފައި ވަނީ އެ މައްސަލައިގައި އެއްބަސްވުމުގައި ދިވެހި ސަރުކާރުން ސޮއިކޮށްފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ވާނެ ގޮތަށް، ދައުލަތަށް ގެއްލުންވާނެ ގޮތަށް ކަމަށެވެ.

އަދި އެ މައްސަލައިގައި ތުހުމަތު އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ކުރެވޭ ކަމާއި، އޭނާއަށް އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކޮށްފައިވާކަންވެސް އޭޖީ އޮފީހުން ފާހަގަ ކުރި އެވެ. ދައުލަތާ ދެކޮޅަށް ނިމުނު އެ މައްސަލަ އޭރު އިސްތިއުނާފު ކޮށްފައި ނުވާތީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާކަންވެސް ފާހަގަ ކުރި އެވެ.

އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ އެ ޖޮއިންޓް ވެންޗާ އެއްބަސްވުމަކީ އެއީ ސައްހަ އެއްބަސްވުމެއް ނޫންކަން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާން ކުރާތީ އާއި، އެ މައްސަލައާ ގުޅިގެން ލިބިފައިވާ އާ ހެއްކާއި މައުލޫމާތަށް ބަލާއިރު، އެ މައްސަލައިގައި ކޮށްފައިވާ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އެޅޭ ގޮތަށް ކޮށްފައިވާ ހުކުމަކަށް ވާތީވެ، އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އެ ކޯޓަށް މިއަދު ހުށަހަޅާފައިވާނެ ކަމަަށެވެ.

ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗަ އެގްރިމެންޓެއް ހެދުމަށް 2011 ވަނަ އަހަރު ނޮވެމްބަރު 29 ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި އެވެ. އެ ނިންމުމުގައި ވާގޮތުން އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރާކަން ނުޖެހެ އެވެ.

ނަމަވެސް، އޭރުގެ މިނިސްޓަރު ޖިހާދު އަމަލުކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ކަނޑައެޅިގެން ހިލާފަށް ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވެ އެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމެވުމުގައި އޮތް 50 ޕަސެންޓުގެ ބަދަލުގައި 25 ޕަސެންޓް ސަރުކާރު ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރީ ޖިހާދު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުރެގެން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޖިހާދުގެ އެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެން އޮތް ފައިދާއިން ހަމަ އެކަނި ބިމު ކުލީގެ ގޮތުގައިވެސް 604.7 މިލިއަން އެމެރިކާ ޑޮލަރު (9.32 ބިލިއަން ރުފިޔާ) އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

comment ކޮމެންޓް