އދ. އިން ރާއްޖެއަށް ޕީޕީއީ ހަދިޔާކޮށްފި

އދ އިން ރާއްޖެއަށް ޕީޕީއީ ހަދިޔާ ކުރުން -- ފޮޓޯ: ފޮރިން މިނިސްޓްރީ

އދ އިން ރާއްޖެއަށް ހަދިޔާކުރި ޕީޕީއީ ސަރުކާރާ ހަވާލުކޮށްފި އެވެ.

މިއީ ކޮވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން އދ އިން ހަދިޔާކުރި ސާމާނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔޫއެންޑީޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ. މިތަކެއްޗާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޔޫއެންޑީޕީ އިން ހަދިޔާކުރި ޕީޕީއީ ގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓާއި 10،080 އެން-95 މާސްކް، 5000 ސަރޖިކަލް ގައުންސް، 6000 ސަރޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވަރސް، 5000 ޝޫ ކަވަރސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސް އެވެ.

މިތަކެތި ބޭނުންކުރާނީ ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށާއި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއެންޑީޕީ އިން ރާއްޖޭގެ ތަރައްގީއަށް ވަެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ގުދުރަތީ ގޮތުން ދިމާވާ ކާރިސާތަކާ ކޮވިޑް-19 ފަދަ ބަލިމަޑުކަމުގައި އެކި ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ޕީޕީއީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ އެއް މިލިއަން ނަން-ސަރޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މި މާސްކްތައް ބޭނުންކުރެވޭނީ ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށާއި، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ. އަދި ފަތުރުވެރިކަން އަލުން ހުޅުވާލެވިގެންދާއިރު، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޕީޕީއީތައް މުހިއްމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައާއި، ކޮވިޑް-19ގެ ސަބަބުން ލިބުނު އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގައި ހަރަކާތްތެރިވާ އދގެ ޓީމުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ސަރުކާރުން ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.

comment ކޮމެންޓް