ފިހާރަ ތަކާއި ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު އިތުރުކޮށްފި އެވެ.
ކޮވިޑު19 ގެ ސަބަބުން ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ރެއިން ފެށިގެން ވަނީ ލުއިދީފަ އެވެ. އެގޮތުން ފަތިހު ހަތަރަކުން ރޭގަނޑު 12:00 އަށް މިހާރު މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅެވޭނެ އެވެ.
މިއާއެކު އިކޮނޮމިކް މިނިސްޓްރީ އިން މިއަދު ބުނީ މިރެއިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. މީގެ ކުރިން ފިހާރަތައް ހުޅުވާފައި ބެހެއްޓެނީ ރޭގަނޑު 10:00 އަށެވެ.
ސައިހޮޓާ، ކެފޭ، ރެސްޓޯރެންޓުތައް ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. މީގެ ކުރިން ކެފޭ ރެސްޓޯރަންޓްތައްް ބެހެއްޓެނީ، 10:30 ވަންދެނެވެ.
މިނިސްޓްރީ އިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފިހާރަތަކުން އަދި ކެފޭ ރެސްޓޯރެންޓުތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އުސޫލުތަކަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.