ޗައިނާގެ އިމްޕޯޓް އެކްސްޕޯޓް މިދިޔަ މަހު އިތުރުވެއްޖެ

ޗައިނާގެ އިމްޕޯޓު އެކްސްޕޯޓު މިދިޔަ މަހު ވަނީ އިތުރުވެފަ -- ފޮޓޯ: ސީޖީޓީއެން

ބެއިޖިން (ނޮވެމްބަރު 8): ޗައިނާއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު މިދިޔަ މަހު އިތުރުވެއްޖެ ކަމަށް އެގައުމުގެ ރަސްމީ ތަފާސްހިސާބުން ދައްކައިފި އެވެ.

ރޮއިޓާސްއިން ރިޕޯޓު ކުރި ގޮތުގައި ޗައިނާއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީ ފާއިތުވި 19 މަސް ތެރޭ އިތުރު ނުވާ މިންވަރަކަށް މިދިޔަ މަހު އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހު އެގައުމުން މުދާ އެކްސްޕޯޓު ކުރި މިންވަރު ވަނީ 11.4 ޕަސެންޓު އިތުރުވެފަ އެވެ. އެއާ އެކު މިދިޔަ މަހު ޓްރޭޑް ސާޕްލަސް ވަނީ 58.44 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

މީގެ ކުރިން އެނެލިސްޓުން ލަފާ ކޮށްފައި އޮތީ މިދިޔަ މަހު ޗައިނާގެ އެކްސްޕޯޓު އިތުރުވާނީ 9.3 ޕަސެންޓު ކަމަށެވެ. އަދި ޓްރޭޑް ސާޕްލަސް އަރާނީ 46 ބިލިއަން ޑޮލަރަށް ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާގެ އެކްސްޕޯޓުތައް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 9.9 ޕަސެންޓު އިތުރުވެފަ އެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ޗައިނާއިން ބޭރުގައި އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުންނާއި ސިއްހީ އާލާތްތަކަށް އޮތް ޑިމާންޑު ބޮޑުވުމުން އެގައުމުން މުދާ އެކްސްޕޯޓު ކުރާ މިންވަރު އިތުރު ވާތާ ފަސް މަސް ވަނީ ވެފަ އެވެ.

މިދިޔަ މަހު ޗައިނާގެ އިމްޕޯޓުތައް އިތުރުވީ 4.7 ޕަސެންޓަށެވެ. އަދި ސެޕްޓެމްބަރު މަހު އެ އަދަދު 13.2 ޕަސެންޓަށް އެރި ނަމަވެސް، މިދިޔަ މަހު އިމްޕޯޓު އިތުރުވި މިންވަރަކީ މިއަހަރުގެ އެހެން މަސްތަކާ އަޅާ ބަލާއިރު ކުރިއެރުމެެކެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމާ ހެދި މި އަހަރުގެ ފުރަތަމަ ތިން މަހު ޗައިނާގެ އިގުތިސާދީ ކުރިއެރުން 6.8 ޕަސެންޓަށް ދަށްވި އެވެ. ނަމަވެސް މިދިޔަ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދޭތެރޭ އެގައުމުގެ އިގުތިސާދު ވަނީ 4.9 ޕަސެންޓަށް ކުރި އަރާފަ އެވެ.

comment ކޮމެންޓް