ރަޝީދު މަރުވި މައްސަލާގައި ކުޑަކުއްޖާއަށް ކުރި ހުކުމް ދަމަހައްޓައިފި

ދެހާސް ސަތާރަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މާލޭ ދަފްތަރު 1140 އިބްރާހިމް ރަޝީދު އާދަމް މަރުވި މައްސަލާގައި، ކުޑަ ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

އެކްސިޑެންޓު ހިނގީ އެ ދުވަހުގެ ހަވީރު އުމުރުން 16 އަހަރުގެ ފިރިހެން ކުއްހާ ސައިކަލުގައި ހުޅުމާލެ ނިރޮޅުމަގުގެ ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެމަގުގެ ދެކުނުން އުތުރަށް ގޮސް ނިރޮޅުމަގުން ކަނާތް ފަރާތަށް ވާގޮތަށް އަނބުރާލި ރަޝީދުގެ ސައިކަލުގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި ރަޝީދު ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓި އޭނާގެ ބޯފަޅައިގެން ގޮސް، ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އޭނާ މަރުވީ 2017 ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ކުޑަ ކުއްޖާގެ މައްޗަށް މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި އެވެ. އެ ދައުވާއަށް ކުޑަ ކުއްޖާ ވަނީ އިންކާރުކޮށްފަ އެވެ.

ނަމަވެސް ހުށަހަޅާފައިވާ ހެކިތަކާއި ޝަރީއަތުގައި ކުއްޖާ ދެއްކި ވާހަކަތަކަށް ބަލައި، ކުއްޖާގެ މައްޗަށް އުފުލި ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން އެކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭގައި ބަންދުކޮށް، ކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވަނީ އަމުރުކޮށްފަ އެވެ.

ނަމަވެސް އެއީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ ކުއްޖާގެ ފަރާތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

ހައިކޯޓުން މައްސަލަ ބަލައި ކުރި ހުކުމްގައި ބުނެފައި ވަނީ، ކުށް ކުރި އިރު 18 އަހަރު ފުރިހަމަނުވާ ކުއްޖަކީ، މައާފު ލިބެނިވި ދިފާއުގެފައިދާ ލިބިގެންވާ ކުއްޖެއްކަމުގައި ބެލެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައި ވީނަމަވެސް، އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޖިނާޔަތުގެ އަނިޔާވެރި ކުށްތަކުގެ ކުށުގެ ޒިންމާ ނަގަންވާނެ ކަމަށެވެ.

އަދި އެކްސިޑެންޓުގައި އެކުއްޖާ ކޮށްފައި ވަނީ ގާނޫނުގައި ޒިންމާ ނަގަންޖެހޭނެ ކަމަށް ބުނާ ފަދަ އަނިޔާވެރި ކުށެއް ކަމަށެވެ.

އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ، ޖުވެނައިލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

comment ކޮމެންޓް